އެމެރިކާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ލިޔުންތެރިންނާއި އެކްޓަރުން ކުރަމުން ގެންދާ ހަޅުތާލުތައް ހުއްޓުވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ވަކި ކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.
އެމެރިކާގެ ރައިޓާސް ގިލްޑް (ޑަބްލިއުޖީއޭ) އިން އަންނަނީ ލިޔުންތެރިންނަށް މުސާރަ ލިބުމުގެ މައްސަލައިގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަޅުލާތު ކުރަމުންނެވެ. ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކުރާ ލިޔުންތެރިންނަށް އެކަށީގެންވާ އުޖޫރާ ނުދިނުމާ ގުޅިގެން މި ހަޅުލާތު ފަށާފައިވާއިރު އެކަމާ ގުޅިގެން އެތައް ބައެއް އަންނަނީ މަސައްކަތްތައް ހުއްޓައިލަމުންނެވެ. މި ހަޅުތާލުތަކުގައި އެކްޓަރުން ވެސް ވަނީ މިދިޔަ މަހުން ފެށިގެން ބައިވެރިވެފައެވެ.
މައްސަލަ ހޫނު ވެފައިވާއިރު ބޮޑެތި ސްޓްރީމިން ސާވިސްތަކާއި ޕްރޮޑަކްޝަން ކުންފުނިތަކުން ގިނަ ދުވަސްތަކެއް ވަންދެއް ދިނީ ބީރު ކަންފަތެކެވެ.
އެންމެ ފަހުން މިކަމާ ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައިވަނީ މިދިޔަ މަހު ކުރީކޮޅުގައެވެ. އަދި، އެ ބައްދަލުވުމަށް ފަހު ޑަބްލިއުޖީއޭ އެންމެ ފަހުން ވަނީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ބޮޑު ޕްރޮޑަކްޝަން ކުންފުނިތަކާ ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ޑިޒްނީއާއި ވޯނާ ބްރޮސް އަދި އެންބީސީ ފަދަ ބްރޭންޑުތަކުގެ އިސްވެރިން ހިމެނެއެވެ.
ބައްދަލުވުންތަކުގައި އެކި ކަންތައްތަކަށް މަޝްވަރާ ކުރެވިގެން ދިޔަ ނަމަވެސް ނިމިގެން ދިޔައީ ޕްރޮޑަކްޝަންތަކުން ދޫ ނުދީއެވެ. މުވައްޒަފުންގެ މަސައްކަތްތަަކުގެ ހައްގު އުޖޫރައިން ފެށިގެން އިންޑަސްޓްރީއަށް އޭއައި ގެނައުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ނަމަވެސް ނިމިގެން ދިޔައީ ޕްރޮޑަކްޝަނުން އެ ކަންތައްތަކަށް ޖަވާބެއް ނުދީއެވެ. އެކަމަކު މިހާރު ހުރިހާ ފަރާތްތަކުން ވެސް ބައްދަލުވުންތަކުގައި ބައިވެރިވާ ކަމަކީ ރަނގަޅު ފާލެއް ކަމުގައި ޑަބްލިއުޖީއޭއިން ބުނެއެވެ. އަދި، އަންނަ ހަފުތާ ވެސް މިފަދަ ބައްދަލުވުންތަކެއް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.