އެއް އާއިލާއަކަށް ނިސްބަތްވާ ކެލާގެ ދެ ޚިދުމަތްތެރިއަކު ޑެންގީގައި ނިޔާވެއްޖެ

އިބްރާހީމް އަފީފް އާދަމް (ކ) އަދި އަހްމަދު ފައިސަލް

ޑެންގީ ޖެހިގެން ހއ. ކެލާގެ އެއް އާއިލާ އަކަށް ނިސްބަތްވާ ދެ ޚިދުމަތްތެރިއަކު ނިޔާވެއްޖެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ އުމުރުން 69 އަހަރުގެ އިބްރާހީމް އަފީފް އާދަމަކީ ކެލާގެ ކުޑަ ކަތީބަކަން 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ރަށު ކައުންސިލް އިދާރާގައި ވެސް ޚިދުމަތް ކުރައްވާފައެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް "ސަން"އަށް ވިދާޅުވީ އަފީފަކީ މާލޭގައި ހުންނަވައިގެން ރަށުގެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ދެއްވާ ރަށުގެ ކަންކަމުގެ ތަފްސީލު ގަވައިދުން ބައްލަވާ ބޭފުޅެއް ކަމަށެވެ.

"އަފީފްބެއަކީ މާލޭގަ ހުންނަވައިގެން ގުޅުއްވައިގެން އަބަދުވެސް ރަށުގެ ކަންކަމުގެ ހިޔާލާއި މަޝްވަރާ ދެއްވާ، ގަވާއިދުން ރަށުގެ އަޕްޑޭޓް ބައްލަވާ ވަރަށް ގާތް ބޭފުޅެއް،" އިންފާޒް ވިދާޅުވިއެވެ.

ކެލާއިން ނިޔާވެފައިވާ އުމުރުން 58 އަހަރުގެ އަހްމަދު ފައިސަލަކީ 36 އަހަރު ވަންދެން ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކެލާ ސުކޫލުގެ ޓީޗަރު ކަމާއި އެރަށު ސްކޫލްގެ ހެޑްމާސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި މަގާމުތައް އޭނާ އަދާކުރައްވާފައިވެއެވެ.

ދެ ބޭފުޅުންގެވެސް ކަށުނަމާދު ބާއްވާފައިވަނީ ހުޅުމާލެ އާސަހަރާ މިސްކިތުގައެވެ.

comment ކޮމެންޓް