މާލެ ސަރަހައްދުން އިތުރު ގޯއްޗާއި ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ މިފަހަރު ދޫކުރަން ނިންމާފައި ވަނީ 6،000 ފްލެޓާއި 4،000އަށް ވުރެ ގިނަ ގޯތި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ފަދަ މައުލޫމާތު މިއަދު ނޫނީ މާދަމާ އެ މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ.
ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ގިރާވަރުން ވެސް ގޯތި ދޫކުރަން ނިންމައިފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ މަހު ނެރުނު އެ ލިސްޓުގައި ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ އަދަދު 19،865އަށް އަރައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ގޯތި ކަނޑައި، މިހާރު ވަނީ ހަވާލުކޮށްފައެވެ.
މިދިޔަ ހަފުތާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ހައުސިން ސްކީމެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ސްކީމަށް ސިޔާސަތު އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށް ރައީސްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވަނީ މިއަދު ވިދާޅުވެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ އަށެއްގައި އިއުލާންކޮށްފައެވެ.
އެ ލިސްޓުގައި 20،697 މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.
އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.