ހިތުގެ އެދުމޭ ތީ... 13

ގޭގެ ބެލް އަޅައިލުމުން ނިޔަމް ދޮރު ހުޅުވައިލީ ޓިޝޫއަކުން ރަނގަޅަށް މޫނު ފޮހެލުމަށްފަހުގައެވެ. ރޮއެރޮއެ ނިޔަމްގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތި ދުޅަވެފައެވެ. ދޮރުމަތީގައި ހުރި ޔާމީން ފެނުމުން، ނިޔަމްއަށް ލިބުނީ ހައިރާންކަމެވެ.

********

"ބަލީތަ؟..." ނިޔަމް ހުރިގޮތް ފެނުމުން، ޔާމީން ހާސްވެފައި ސުވާލުކުރިއެވެ.

"ނޫން.." ނިޔަމް ވީހާވެސް ބޮޑަށް ދޮރު ހުޅުވައިލިއެވެ. ޔާމީން އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން އިތުރު މީހަކު އައިތޯ ބަލައިލާފައި ނިޔަމް ދޮރު ލެއްޕިއެވެ.

"ކޮބާ އެސޮރު؟..." ސޯފާގައި އިށީނދެފައި، ގޭތެރެއަށް ނަޒަރު ހިންގައިލަމުން ޔާމީން ސުވާލުކުރިއެވެ.

"ނިދިފަ އޮތީ..." ނިޔަމް ހުރީ ކޮޅަށެވެ. ޔާމީން އެކަނި އައުމުން އޭނާގެ ހިތުގައި ވަނީ ފާޑެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ. "އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން..."

"ނޫނޭ، ރަނގަޅުވާނެ އެއްޗެއް ނުގެނަޔަސް... ދެންމެ ރައްޓެއްސަކާ ދިމާވެގެން ކޮފީއެއް ބޮއެގެން މިއައީ..." ޔާމީން އަވަސް އަވަހަށް ބުނެލިއެވެ.

ނިޔަމް ސޯފާގައި އިށީނެވެ. ޔާމީން އުޅުނީ ވާހަކައެއް ދައްކަން ބޭނުންވެ، ފަށާނެގޮތެއް ނޭނގިގެންނެވެ. ނިޔަމްއަށް ކޮންމެވެސް ވަރަކަށް ވެގެންއުޅޭގޮތް ވިސްނުނެވެ. އެކަމާއި ބެހޭގޮތުން ސުވާލުނުކޮށް އިންނަން ނިޔަމްއަށް އުނދަގޫވިއެވެ.

"އާޔާ އެއްޗެއް ބުނީތޯ؟..." ޔާމީނަށް ބަލަން އިނދެފައި ނިޔަމް ސުވާލުކުރިއެވެ.

"އާޔާ ދޯ..." ޔާމީން ލުއި ގޮތަކަށް ހީލިއެވެ. "ނިޔަމްއަށް އެނގެއެއްނު އާޔާ އުޅޭގޮތް... ކުރީ ދުވަހު އެސޮރު ގެންދިޔައީމަ އުޅުނު ވަރަށް ބޮޑާހާކާލައިގެން... ދޭތެރެއަކުން ގެއަށް ގޮސްލަބަލަ... އޭރުން އެންމެންގެ ގުޅުން ރަނގަޅުވާނީ... އާޔާ އެހުންނަނީ ވަރަށް އެކަނިވެފަ... ކުޑަ ކުއްޖަކު ގޭތެރޭގަ އުޅެންޏާ، ގެއަށް ދިރުންވެސް ލިބޭނެ... ބޭބެއަށް އެއްގޮތަކަށްވެސް ނޭނގެ ކީއްވެކަމެއް ނިޔަމް ބޭބެމެންނާ ވަކިން އުޅެން ވިސްނީކީ..."

ނިޔަމްގެ ހިތް ތެޅިގަތެވެ. ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭހެން އޭނާއަށް ހީވިއެވެ. ކުއްލިއަކަށް ޔާމީން އެފަދަ ވާހަކައެއް ދައްކަން އައީ ކީއްވެ ހެއްޔެވެ؟ އޭގެކުރިން ނިޔަމްގެ ދިރިއުޅުމުގެ އެއްވެސް ކަމަކާއި ގުޅޭގޮތުން ޔާމީން އެއްޗެއް ނުބުނެއެވެ. ނިޔަމް ބޭނުންވާގޮތަށް ކަންކުރަން އޭނާ ހުރީ ދޫކޮށްލައިގެންނެވެ.

ނިޔަމްއަށް ވީގޮތް ފެނުމުން ޔާމީނަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އޭނާ ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އެވާހަކަތައް ޖެހުނީ ފަސްކޮށްލާށެވެ.

"މީ ޕޮލިހުންގެ ފެމެލީ ޑޭ ފާހަގަކުރަން ބާއްވާ އިވެންޓެއް..." ޔާމީން އޭނާގެ ވޮލެޓުން ނެގި ކާޑުކޮޅު ނިޔަމްގެ އަތަށް ދިނެވެ. "ދާން ގޮވައިގެން އަންނަންވާނެ..."

ޔާމީން ދިޔުމުންވެސް ނިޔަމްއަށް އިނދެވުނީ ވިސްނާށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ޔާމީންގެ ވޮލެޓެވެ. ވޮލެޓު އޮތީ ސޯފާގެ މަތީގައެވެ. ނިޔަމްއަށް އެ ވޮލެޓު ހުޅުވައިލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭގެ ތެރޭގައި އޮތް އެތައް އަހަރެއް ކުރީގެ ތަސްވީރުގައެވެ.

"މަންމާ..." ތަސްވީރުގައި ފިރުމައިލަމުން ނިޔަމްއަށް ބުނެވުނެވެ.

********

"މާދަމާ ރޭ ވާނެ ލޯބިވާ ވާހަކަ ބުނަން..." ޒައިލްގެ ކޮނޑުގައި ޖަހައިލަމުން ޝަރަފް ބުންޏެވެ.

ޝަރަފްގެ އަތުގައި އޮތް ކަރުދާންގަނޑުގެ ދެ ކޮޕީ ނަގާފައި ޒައިލްއަށް އެއް ކޮޕީ ދިނެވެ.

"ތީ އިވެންޓް ކުރިއަށްދާނެގޮތް... މިބުރު ވަރަށް މަޖާވާނެ... އެކި ކުޅިވަރުތައްވެސް އެބައޮތް ލިސްޓްގަ... ކަލޭ ޖެހޭނެ ކޮންމެހެންވެސް ގޯނި ރޭހުގަ ބައިވެރިވާން... އެމަންޖެއާ ދެމީހުން އެއްގޯންޏެއްގަ ހާދަ މަޖާވާނެއޭ..." ޝަރަފް މަޖާވެފައި ހީގަތެވެ. "އިމޭޖް ފެނޭއެބަ..."

"ޝަރަފަށް ހީވޭތަ އަހަރެން ބައިވެރިވާ އިވެންޓަކަށް އޭނަ އަންނާނެހެން؟..." ޒައިލް އޮތީ މޭޒުގައި ބޯއަޅާލައިގެންނެވެ.

"އަހަރެން ގުރުބާންވެގެންވެސް އޭނަ ގެންނާނަމޭ... ކަލޭ ހާސްނުވެބަލަ..." ޝަރަފް ބުނެލިއެވެ.

"އޭނަ ތި ކާޑުކޮޅުގަ ހިފައިފިއްޔާވެސް ރަނގަޅު...." ޒައިލް މަލާމާތްކޮށްލިއެވެ.

"ތިއުޅެނީ އަދި އަހަރެންގެ ވަރު ނޭނގިގެން... ކަލޭ ބަލަން ހުންނައްޗޭ..." ޔަގީންކަން ދޭ ރާގަކަށް ޝަރަފް ބުންޏެވެ. "ހިނގާބަލަ މަ ވައްޓާލަދޭން..."

ޒައިލް ތެދުވެގެން އެއައި ބާރުމިނުގައި ޝަރަފް ބިންމައްޗަށް ވައްޓައިލިއެވެ. ތަދުނުވާނޭހެން ބަލައިގެންނެވެ. ތެދުވެ މުށިތަކުގެ މަތީގައި އިށީންއިރު ޝަރަފްގެ ހިނިގަނޑު މައިތިރިނުވެއެވެ. އޭނާ މަސައްކަތް ކުރީ ޒައިލްއަށް އެ ލަނޑު ދޭށެވެ. އެކަމަކު ޒައިލް ހުށިޔާރެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އޭނާ ކެބިންއިން ނުކުތެވެ. ދެމީހުން ކާރަށް އެރި އިރުވެސް ޒައިލްގެ ހިނިގަނޑު މައިތިރިނުވެއެވެ.

ކާރު ހުއްޓީ ހޮސްޕިޓަލުގެ ކައިރީގައި އޮންނަ ޕާކުކުރާ ތަނަށެވެ. ޝަރަފް ކާރުން ފައިބައިގެން ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތެވެ. ދަމުން ފަސްއެނބުރިފައި ޒައިލްއަށް ހަނާއަޅައިލިއެވެ. ޒައިލް އިނީ ކާރުގައެވެ.

ތިންވަނަ ފަންގިފިލާއަށް ލިފްޓްގެ ދޮރު ހުޅުވުނެވެ. ނިޔަމް ހަލުވި ފިޔަވަޅުތަކެއްގައި ލިފްޓަށް ވަނެވެ. ލިފްޓް ދެން ގޮސް ހުއްޓުނީ ފަސްވަނަ ފަންގިފިލާއަށެވެ. ނިޔަމްއާއި ޝަރަފް ލިފްޓުން ނުކުތެވެ. ޝަރަފަށް ކައުންޓަރާއި ހަމައަށް ނުދެވެނީސް، އަރުޝާ ދުވެލާފައި އެދިމާއަށް އަންނަތަން ފެނުނެވެ. ޝަރަފަށް ހުރެވުނީ ބަލާށެވެ. އެފަދަ ރީތިކަމެއް އޭގެ ކުރިން އެހެން އަންހެންކުއްޖެއްގެ ކިބައިން އޭނާއަށް ފެނިފައެއް ނުވެއެވެ. ޝަރަފް ހުއްޓުންއަރާފައި ހުއްޓާ، އަރުޝާ އޭނާ ފަސްދީފައި ދިޔައެވެ. އަވަސް ފަރުވާދޭ ބަޔަށް ވަންނަންދެންވެސް ޝަރަފަށް އަރުޝާއަށް ބަލަން ހުރެވުނެވެ.

"އޯ ނޯ... އަނެއްކާ އަހަންނަށް ކިހިނެއް މިވަނީ؟..." ހާސްވެގެން ޝަރަފްގެ ނިތްކުރިމަތިން ދާ ހިއްލާލިއެވެ.

"ކަމަކުތޯ؟..." ޝަރަފް ދެކޮޅަށް ހިނގާލަހިނގާލާ ހުންނަތާ އިރުކޮޅެއް ފާއިތުވުމުން، ނިޔަމް ސުވާލުކުރިއެވެ.

"އެކުއްޖާ ނުކުންނަންދެން އަޅުގަނޑު މަޑުކޮށްލާނަން..." ޝަރަފް ގޮނޑިއެއްގައި އިށީނެވެ.

އަރުޝާގެ އިންތިޒާރުގައި ޝަރަފަށް އެތައް އިރަކު އިންނަން ޖެހުނެވެ. ގަޑިއެއްހާއިރުފަހުން އަރުޝާ ނުކުތެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ، ޝަރަފެވެ. އަރުޝާގެ ދެބުމަ ގޮށްޖެހުނެވެ.

"ސަޅި ބިޓެއް ދޯ..." އަރުޝާގެ ކައިރީގައި ހުރި ނަރުސްކުއްޖާ ބުނެލިއެވެ.

"އެތެރެ ހުޅުވާފަ ބަލާލީމަ އެނގޭނީ ހުރި ސަޅިކަމެއް..." އަރުޝާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"އަރޫގެ ކަމެއްތަ؟..." ޑޮކްޓަރުވެސް އަރުޝާއާއި ދިމާކުރިއެވެ. "ވަރަށް އަވަހަށް ސައިކޮޅެއް ލިބޭނެހެން ހީވަނީ..."

އަރުޝާ އެދިޔަ ބާރުމިނުގައި ޝަރަފްގެ އަތުގައި ހިފައިގެން އެހެން މީހުންނާއި ދުރަށް ގެންދިޔައެވެ. ލިފްޓަށް އެރުމަށްފަހު، އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށް ދިޔުމަށް ސްވިޗަށް ފިތައިލިއެވެ.

"ކިހިނެއް ވެގެންތަ އަހަރެންގެ ފަހަތުން ތިއުޅެނީ؟... ޔަމްކައިރީ ބުނަންޖެހިދާނެ..." އަރުޝާ އިންޒާރު ދިނެވެ.

"ބުނާ މީހެއް ކައިރީ ބުނަންވީ... މި އިވެންޓުގަ ބައިވެރިވާން އެއްބަސްނުވަންޏާ، އަހަރެން ދެންވެސް އުޅޭނީ މިހެން..." ކާޑުކޮޅު ދިއްކޮށްލަމުން، ޝަރަފް އިންޒާރު ދިނެވެ.

"ޕޮލިހަކަށްވެހުރެ މީހުންނަށް އިންޒާރު ދެނީތަ؟... ތީ ހާދަ ގޮތެއްވެސް ނެތް މީހެކޭ ދޯ..." އަރުޝާ ދަތްކުނޑި ވިކައިލިއެވެ.

"ގޮތެއް ހުރީމައެއްނު ކާޑުދޭން މިއައީ..." ކާޑުކޮޅު އަރުޝާގެ އަތަށް ލައިދެމުން ޝަރަފް ބުންޏެވެ.

ލިފްޓްގެ ދޮރު ހުޅުވުނެވެ. ދެތިން މީހަކު އެތެރެއަށް ވަނެވެ. ޝަރަފްގެ އަނގަ ބަންދުކުރަން އަރުޝާއަށް ފެނުނު އެންމެ މޮޅުގޮތަކީ ކާޑުގައި ހިފުމެވެ. އަރުޝާ ކާޑުގައި ހިފުމުން ޝަރަފްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

********

ނިޔަމްގެ ކުރިމަތީގައި އަރުޝާ އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ދެފައި ވައްކޮށްލައިގެން މުށިތަކުގެ މަތީގައި އިންއިރު، ނިޔަމް ދައްކާ ވާހަކައިގެ އަޑު ނުވެސް އިވޭ ކަހަލައެވެ. އަރުޝަގެ ކުރިމަތީގައި ޝަރަފް ދިން ކާޑުކޮޅު އޮތެވެ.

"ޔަމް... އައި އޭމް ސޮރީ..." އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި އަރުޝާ ކުއްލިއަކަށް ނިޔަމްއަށް ބަލައިލިއެވެ. "އަހަރެން ދުވަހަކުވެސް ޔަމްގެ މީހަކު ޖަހައިގަންނާކަށް ބޭނުމެއް ނޫން..."

"ކާކުތަ؟..." ނިޔަމްގެ މޫނުން ފެނުނީ ހައިރާންކަމެވެ.

"ޔަމްގެ އެކްސް..." އަރުޝާ އަނެއްކާވެސް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. "ތިއޮތީ ޔަމްގެ އެކްސް ދިން އެއްޗެއް... ޔަމް ހުއްޓާ އޭނަ އެދިނީ އަހަންނަށް..."

"އޭނ؟..." ނިޔަމްގެ ދެލޯ ބޮޑުވިއެވެ.

"ސޮރީ ޔަމް...." އަރުޝާ ނިޔަމްގެ އަތުގައި ހިފައިލިއެވެ. "އޭނަ އަހަރެންގެ ފަހަތުން އަޅުވާލައިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ... އަހަރެން ފުރަތަމަ ހީކުރީ ޔަމްގެ ކަންކަމުގަ ހެލްޕް ހޯދަންވެގެން ކަމަށް އަހަންނާ ގުޅާލަން އުޅުނީ... އެކަމަކު، ޔަމްގެ ވާހަކަ ބުނީމަވެސް އޭނައަށް ކަމެކޭވެސް ހީނުވި..."

ލޫކް އައުމުން ދެމީހުންގެ ވާހަކަ ހުއްޓުނެވެ. އަރުޝާ އަވަސް އަވަހަށް ކާޑުކޮޅު ފޮރުވިއެވެ.

"ހުންނާނެ ފްރައިޑް ރައިސް ހަދާފަ..." ލޫކަށް ބަލައިލަމުން ނިޔަމް ބުންޏެވެ. "އަންނާނަން ދާން ގޮވައިގެން... މަޑުކުރައްޗޭ..."

ސްކޫލުގައި ބެލެނިވެރިންގެ ބައްދަލުވުމެއް އޮތް ދުވަހެކެވެ. ނިޔަމްގެ ހަނދާނުން އެކަން ކައްސައިލީ ކީއްވެކަމެއް ނޭނގުނެވެ. އޭނާ ދިޔައިރު، ބައްދަލުވުން ނިންމާފައި ބައެއް ބެލެނިވެރިން ކުދިން ގޮވައިގެން ނުކުންނަނީއެވެ. ނިޔަމް ހާސްވެގެން ކުލާސްރޫމާއި ދިމާއަށް ހިނގައިގަތެވެ. ދާވިއަންގެ އަތުގައި ހިފާލައިގެން ޒައިލް ކުލާސްރޫމުން ނުކުންނަ މަންޒަރު ފެނުމުން، ނިޔަމްއަށް ފާރާއި ނިވާވެލެވުނެވެ. ޒައިލް ގޮސް ގޭޓުން ނުކުންނަންދެން ނިޔަމް ބަލަން ހުއްޓެވެ. ނިޔަމް ކުލާހަށް ވަންއިރު، ކުދިންގެ ފައިލުތައް ހިފައިގެން ޓީޗަރު ތެދުވަނީއެވެ. ނިޔަމް ފެނުމުން، ޓީޗަރު އަލުން ގޮނޑީގައި އިށީނެވެ.

"ދާންގެ ބައްޕަ މިއަދު މީޓިންގަ ބައިވެރިވީމަ ދާން ވަރަށް އުފަލުން އިނީ..." ނިޔަމް އިށީނުމުން ޓީޗަރު ބުންޏެވެ. "އަޅުގަނޑު ދާންގެ ބައްޕައާ ފައިލުތައް ޝެއާކޮށްލައިފިން... ދާންގެ މަންމަވެސް ބަލާލަން ބޭނުމިއްޔާ މިހުރީ ވޯކްސްތައް... ކުރިއަށްވުރެ ވަރަށް ބޮޑުތަން އިމްޕްރޫވްވެއްޖެ.... ފަހަކަށް އައިސް ދާންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަވޭ... ކުރިއަށްވުރެ ބޮޑަށް ކުދިންނާ ގުޅިގެން މަސައްކަތް ކުރާތަން މިހާރު ފެންނަނީ... ކްލާސްރޫމްގަ ދެވޭ ވޯކްސްތައްވެސް ވަރަށް ބަރާބަރަށް ނިންމާލާ... ވަރަށް އުފަލުން އިންނާތީ މިހާރު ފެންނަނީ..."

ސްކޫލުން ނުކުތްއިރު، ނިޔަމް ހުރީ ފެންކަޅިވެފައެވެ. މަންމައާއި ބައްޕައެއްގެ ލޯބި ދަރިއަކަށް ކިހާ މުހިއްމުކަން އޭނާއަށް ވިސްނުނެވެ. ގެއަށް ވަންނަން ދޮރާށި ހުޅުވައިލި ވަގުތު ނިޔަމް ސިހުނީ ކުރިމަތީގައި ދާވިއަން އުރާލައިގެން ހުރި ޒައިލް ފެނުމުންނެވެ.

"މަންމީ..." ދާވިއަން ވަރަށް އުފާވެފައި ނިޔަމްއަށް ގޮވައިލިއެވެ.

ނިޔަމްގެ ދެލޯ ކަރުނުން ފުރޭކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދެމީހުންގެ ގައިގައި ބައްދައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު