ރިޝްވަތަކީ މުޖުމަތައުގައި ފަސާދަ އުފެއްދުމަށް މެދުވެރިވާ ވަސީލަތެއް ކަމަށާއި އެއީ ރިޝަވަތު ހަރާމް ކުރެއްވި އެއް ސަބަބު ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، ރިޝްވަތުގައި މެދުވެރިއަކަށްވާ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް ﷲ ލައުނަތް ލައްވާފައި ވާކަމަށެވެ. އަދި ރިޝްވަތުގެ ކަންކަން އާންމުވެއްޖެ މުޖުމަތައު އެއްގައި ހަމަޖެހުމާއި އަމާންކަން ގެއްލި، ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރަކަށް އެ މުޖުތަމައު ވާނެކަމަށް ޚުތުބާގައި ބުންޏެވެ.
"ރިޝްވަތަކީ، ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ، ސަލާމަތް ވުމަށް ފައިސާ ވުވަތަ އެނޫންވެސް އެއްޗެއް، މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ،" ޚުތުބާގައި ބުންޏެވެ.
ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައި ވާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، އެކަމުގައި ބައިވެރިވާ މީހުންގެ އީމާންތެރިކަން ނެތުމާއި، ރިޒުގު ދެއްވަނީ ﷲކަން ގަބޫލު ނުކުރެވުން ހިމެނެއެވެ.
"ދެވަަނަ ކަމަކީ ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި، ތިމާއަށްވުރެ ތަނަވަން މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުމެވެ. މިންވަރަށް އީމާން ނުވެވެނީއެވެ. މާ އަވަހަށް މުއްސަނދި ވާން ބޭނުން ވަނީއެވެ،" ޚުތުބާގައި ބުންޏެވެ.
ރިޝްވަތު ނަގާ މީހުނަށް އާޚިރަތުގައި ލިބޭ އަޒާބުގެ އިތުރުން އެ މީހުނަކީ ދުނިޔޭގައި ވެސް މީހުންގެ ލައުނަތާއި، ނުރުހުމާއި މަލާމާތް ލިބެމުންދާ ބައެއްކަން ޚުތުބާގައި ފާހަގަ ކުރެއްވިއެެވެ.
އެހެންކަމުން ރިޝްވަތު ނެގުންފަދަ ނުބައި އާދަތަކާ ގާތް ނުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ.