ކުރެންދޫގައި ފެން ބޮޑުވެ 65 ގެއަކަށް ގެއްލުން ލިބުނު

ކުރެންދޫގައި ފެންބޮޑުވެފަ --

މިދިޔަ ހޯމަ ދުވަހު ދަންވަރު ވެހުނު ވާރޭގައި ކުރެންދޫގައި ފެންބޮޑުވެ ގެއްލުން ލިބުނީ 65 ގެއަކަށް ކަމަށް, ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޑް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އެއްވެސް ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ނުވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުފީދު ވިދާޅުވީ، ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދާ އާންމު ހާލަތަށް ރުޖޫއަވެވިފައި ވާކަމަށެވެ.

"ފުލުހުންނާ ގުޅިގެން މިހާރު ފެން ހިންދާ ނިމިއްޖެ މަގުތަކުން،" އޭނާ ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެންޑީއެމްއޭއާ ގުޅިގެން ގެތަކަށް ލިބުނު ގެއްލުން ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ، ގިނަ ގެތަކުން ހެއްލުން ލިބިފައި ވަނީ ހިފާ ގެންގުޅޭ ސާމާނަށް ކަމަށެވެ. އަދި ބައެއް ކަރަންޓު ސާމާނަށް ވެސް ގެއްލުން ލިބިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ، ކުރެންދޫއަކީ މީގެ ކުރިން ވެސް ވާރޭ ވެހުމުން ފެންބޮޑުވާ ރަށެއް ކަމަށެވެ. ނަމަވެސް، އަންގާރަ ދުވަހު ފެން ބޮޑުވި ވަރަށް އަދި މީގެ ކުރިން އެރަށުގައި ފެންބޮޑުވެފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރެންދޫގައި ފެންބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކަށް ވެސް ފެން ވަދެ ކަކުލާ ހަމައަށް ފެން ހުރި މަންޒަރު ފެނެއެވެ. އަދި ބައެއް ގެތަކުގެ ނިދާ ކޮޓަރިތަކަށް ވެސް ފެންގަނޑު ވަދެފައިވާ މަންޒަރު ފެނެއެވެ.

މުފީދު ވިދާޅުވީ މި ހާދިސާގައި ކުރެންދޫގެ ބައެއް މަގުތަކުގައި ކަކުލާ ހަމައަށް ފެން ބޮޑުވި ކަމަށެވެ.

comment ކޮމެންޓް