އަލީ ވަހިީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދާ އެކު -- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އެ ޕާޓީން ވަކިވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއެކު، މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

"ދިވެހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ." އޭނާގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

އަލީ ވަހީދު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ ކެންޕޭނުގައި ހަރަކާތްތެރިވެފައެވެ. އޭނާ، ކެންޕޭނަން ނުކުތީ ދެ އަހަރު ވަންދެން އިނގެރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހުއެވެ.

އިނގެރޭސިވިލާތަށް އޭނާ ވަޑައިގަތީ ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލުމުން، ޝަރީއަތުގެ މަރުހަލާގެ ތެރެއިން ބޭސްފަރުވާއަށް ކަމަށް ބުނެއެވެ.

އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް އުފުލީ ޓޫރިޒަމް މިނިސްޓްރުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

ރާއްޖެ އަނބުރާ ވަޑައިގެންނެވި އިރު، އެ މައްސަލަތައް ވަނީ ފައިލްކޮށްފައެވެ. އަދި، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ކޮށްފައިވާ ދެ މަހާއި، 12 ދުވަހުގެ ހުކުމް އޮތީ ބާތިލުކޮށްފައެވެ.

އޭނާ ރާއްޖެއަށް ވަޑައިގެންނެވި ދުވަހު ނޫސްވެރިންނަށް ބައްދަލުކުރައްވާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ދެން އުޅުއްވުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ދެން ބޮޑަށް ފެންނާނީ ފުޓުބޯޅައިގެ ދާއިރާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ގާތް ބޭފުޅަކު "ސަން"އަށް ވިދާޅުވި ގޮތުގައި، އޭނާ ދެން ފެންނާނީ އެ ދުވަހު ވިދާޅުވިފަދައިން، އޭނާގެ އެޓޯލްސް އެފްސީގެ މަސައްކަތްތަކުގައެވެ.

comment ކޮމެންޓް