އިންޑިއާގެ ޖާސޫސީ އިދާރާގެ އެެޖެންޓެއްކަމަށް ސިފަކޮށް ކެނެޑާއިން އިންޑިއާގެ ޑިޕްލޮެމެޓަކު ބޭރުކޮށްލައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

އޮޓަވާ (19 ސެޕްޓެމްބަރު 2023): އިންޑިއާގެ އިދިކޮޅު ލީޑަރަކު ކެނެޑާގައި މަރާލުމުގެ ފަހަތުގައިވަނީ އިންޑިއާގެ ޖާސޫސީ އިދާރާކަމަށް ކެނެޑާގެ ބޮޑުވަޒީރު ތުހުމަތު ކުރެއްވުމުން އިންޑިއާ ރުޅިވެރިގަދަވެ, ކެނެޑާއަށް ހަރުކަށިކޮށް ރައްދު ދީފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ، ކެނެޑާއިން ފަތުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ކެނެޑާގައި އުޅޭ އިންޑިއާގެ އިދިކޮޅު ސިކުންގެ ލީޑަރެއްކަމަށްވާ ހަރުދީޕް ސިންގް މަރާލުމުގައި އިންޑިއާގެ ކުޑަވެސް ދައުރެއް އަދި ބައިވެރިވުމެއް އަދި އަތެއްވެސް ނެތްކަމުގައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެގައުމުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެނެޑާގައި ހުންނަވާ އިންޑިއާގެ އިސް ޑިޕްލޮމެޓަކު އިއްޔެ ގައުމުން ބޭރުކޮށްލާފައިވާ ކަމަށާއި އޭނާއަކީ ޑިޕްލޮމެޓެއްގެ ހައިސިއްޔަތު ހޯދައިގެން ކެނެޑާގައި މަސައްކަތްކުރާ އިންޑިއާގެ ޖާސޫސެއް ކަމުގައެވެ.

ޓްރޫޑޯ ވިދާޅުވިގޮތުގައި ބޭރުކޮށްލި އިންޑިއާގެ ޑިޕްލޮމެޓުގެ ހަރަކާތްތަކާއި އަމަލުތައްހުރީ ބޭރުގައުމެއްގެ ޑިޕްލޮމެޓެއްގެ އަމަލުތައް ހުންނަންޖެހޭ ގޮތަށް ނޫންކަމަށާއި ކެނެޑާގެ ސިޔާދަތަށް ގޮންޖަހާފައި އުޅުމުގެ ފުރުސަތު ބޭރުގައުމެއްގެ ޑިޕްލޮމެޓުންނަށް ނުދޭނެކަމުގައެވެ.

ބޭރުކޮށްލި އިންޑިއާގެ ޑިޕްލޮމެޓުގެ ނަން ހާމަނުކުރައްވައި ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ކެނެޑާގެ ޚާރިޖީ ވަޒީރާ މިލަނީ ޖޮލީ ވިދާޅުވިގޮތުގައި ކެނެޑާއިން ބޭރުކޮށްލި އިންޑިއާގެ ޑިޕްލޮމެޓަކީ އިންޑިއާގެ ފޮރިން އިންޓެލިޖެންސް އިދާރާ ކަމަށްވާ "ރީސާޗް އެންޑް އެނަލިސިސް ވިންގް" (ރޯވް)ގެ އިސް ޖާސޫސެކެވެ. އޭނާއަކީ ކެނެޑާގައި ހަރަކާތްތެރިވާ "ރޯވް"ގެ ޖާސޫސުންނާއި އެޖެންޓުންގެ ވެރިޔާކަމަށާއި އޭނާ ކެނެޑާގައި ހަރަކާތްތެރިވަމުން ދިޔައީ ޑިޕްލޮމެޓެއްގެ ގޮތުގައި ޑިޕްލޮމެޓިކް އިމްތިޔާޒުތައް ހޯދައިގެންކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރާ ސިފަކުރެއްވިއެވެ.

އިންޑިއާގެ އިދިކޮޅު ސިކުންގެ ލީޑަރެއްކަމަށްވާ ހަރުދީޕް ސިންގްގެ ގަޔަށް ބަޑިޖަހައިގެން މަރާލާފައިވަނީ މިދިޔަ ޖޫންމަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައިވަނީ ކެނެޑާގެ ސިޓީއެއްކަމަށްވާ ވެންކޫވަރުގެ ސަރަހައްދެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގެ ފައްޅިއެއްގެ ބޭރުގައި އޮތް ވެހިކަލެއްގައި އިންދައި މޫނު ނިވާކޮށްގެން ތިބި ދެމީހަކު އޭނާގެ ގަޔަށް ބަޑިޖަހައިގެންނެވެ.

އިންޑިއާގެ އިދިކޮޅު ސިކުންގެ ލީޑަރެއް ކަމަށްވާ ހަރުދީޕް ސިންގް --

ރިޕޯޓްތައް ބުނާގޮތުން ހަރުދީޕް ސިންގްގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ޖަރީމާގެ ފަހަތުގައިވަނީ ކެނެޑާގައި ހަރަކާތްތެރިވާ އިންޑިއާގެ ޖާސޫސީ އިދާރާ "ރޯވް"ގެ އެޖެންޓުންކަން ކެނެޑާގެ ފުލުހުންގެ ތަހުގީގުތަކުންވަނީ ހާމަވެފައެވެ. މިއީ ކެނެޑާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށް ކެނެޑާ ދެކެއެވެ.

އިންޑިއާގެ ޕަންޖާބަކީ ސިކުންގެ ނަސްލުގެ މީހުންގެ ސްޓޭޓް އެވެ. ޕަންޖާބުގެ އިތުރުން ދެން ސިކުން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭކަމަށްވަނީ ކެނެޑާގެ ސިޓީއެއްކަމަށްވާ ވެންކޫވަރުގައެވެ.

ހަރްދީޕުގެ މަރުގެ މައްސަލައިގައި އިންޑިއާއާއި ކެނެޑާގެ ގުޅުންތައް ގޯސްވެފައިވާތާ ދުވަސްތަކެއް ވެފައިވާއިރު ކުރިން ތާވަލު ކޮށްފައިވާ ދެގައުމުގެ ވިޔަފާރީގެ ބައްދަލުވުންތަކެއް ދާދިފަހުން ވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާގެ ސިކުންގެ ނަސްލުގެ މީހުންގެ ތެރޭގައި ޕަންޖާބުގައި ސިކުންގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ވަކާލާތުކުރާ "އަކާލިދާލް" ނަމަކަށް ކިޔާ ޖަމާއަތެއް ނުވަތަ ޕާޓީއެއް އޮވެއެވެ. އިންޑިއާއިން މި ޖަމާއަތް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.

ކެނެޑާގައި މަރާލި ހަރުދީޕް ސިންގް އަކީ "އަކާލިދާލް" ޖަމާއަތަށް ނިސްބަތްވާ މީހެއްކަން ނުވަތަ ނޫންކަން ޔަގީން ނުވިނަމަވެސް ހަރުދީޕް ސިންގް އަކީ ޕަންޖާބުގައި ސިކުންގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައި އެކަމަށް ވަކާލަތުކުރާ މީހެކެވެ. އޭނާއަކީ ޕަންޖާބުގެ މިނިވަންކަމަށް މަސައްކަތް ކުރާ ލީޑަރެއްކަމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ހަރުދީޕް ސިންގް

ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިގޮތުގައި މީގެ ދިހަވަރަކަށް ދުވަސްކުރިން އިންޑިއާގައި ބޭއްވި ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ވަކިން ބައްދަލުކުރައްވައި އޭނާ މިމައްސަލަ ނެންގެވިއެވެ.

މިގޮތުން ކެނެޑާގެ ބިމުގައި ބޭރު ގައުމެއްގެ ބައިވެރިވުމާއެކު މީހަކު މަރާލުންފަދަ ޖަރީމާއެއް ހިންގުމަކީ ކެނެޑާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އެކަމުގައި ކުޑަކޮށްވެސް ދުލެއް ނުދެވޭނެކަން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ދެންނެވި ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ކެނެޑާގައި މަރާލި ސިކުންގެ ލީޑަރަކީ އިންޑިއާއަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާއަކީ ކެނެޑާގެ ރައްޔިތުކަން ހޯދައިގެން އުޅޭ ކެނެޑާގެ ރައްޔިތެއްވެސް މެއެވެ.

އިންޑިއާއިންވަނީ ޕަންޖާބުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ސިކުންނަކީ ޓެރަރިސްޓުންކަމަށާއި ކެނެޑާއިން އެމީހުންނަށް ހިމާޔަތް ދޭކަމަށް ތުހުމަތުކޮށްފައެވެ. އެފަދަ މީހުންނަށް ކެނެޑާއިން ހިމާޔަތް ދިނުމަކީ އިންޑިއާގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވެެސް އިންޑިއާއިންވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް