މިހާރު ދިރިއުޅޭ ތަން ދޫކޮށްނުލައި ގޯއްޗާއި ފްލެޓް ލިބޭގޮތް ހަދާނަން: މުއިއްޒު

ވިލިމާލޭގައި ޑރ. މުއިއްޒު: މާލޭގައި އޮންނަ ކުޑަ ތަންކޮޅު ދޫކޮށް ނުލައި މާލޭ ރައްޔިތުންނަށް ގޯތި ކަށަވަރު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ ޕީޕީއެމް

ކުދި ކުދި ތަންކޮޅުތަކުގައި މީހުން އުޅެމުންދާއިރު ބަހައިގެން ލިބިފަ ހުންނަ އެފަދަ ތަންތަން ދޫކޮށްލުމުން ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ޝަރުތުކުރުމަކީ އިންސާފެއް ނޫން ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ, ގިނަ ދުވަސްތަކެއް ނިކަމެތި ހާލަތުގައި އުޅެމުންދަނިކޮށް ފްލެޓެއް ނުވަތަ ގޯއްޗެއް ލިބުމުން މާޒީގައި އުޅުނުތަން ދޫކޮށްލުމަކީ އިންސާފެއް ނޫން ކަމަށެވެ.

"މިހެން ހުންނަ ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު ޔަގީންކޮށްދޭނަން," މުއިއްޒު ވިދާޅުވިއެވެ.

އެކަން ކުރުމަށް ގާނޫނަށް ނުވަތަ ގަވާއިދަކަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދާދި ފަހުން ދޫކުރި ގޯތީގެ އެގްރީމެންޓަށް ބަދަލު ގެނައުމަށް ގާނޫނީ ލަފާ ހޯދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ގެދޮރުވެރިކަން ޔަގީންވެގެން ދިއުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ ޔަގީންކަން ދެވޭނީ އިންސާފްވެރިކަމާއެކުގައި އެކަން ކުރަން އުޅެގެން ކަމަށެވެ.

"އެތައް ހާސް ރައްޔިތުންނެއް މާލޭގެ ރަށްވެހީންގެ ތެރެއިން އެބަ ބޭނުންވޭ ގެދޮރުވެރިކަންް. އަދި މާލޭގައި ދިރިއުޅެމުންދާ އެތައް ހާސް ރައްޔިތުންނަކަށް ވެސް އެކަން ބޭނުންވޭ. ހަމަ އެފަދައިން އަޅުގަނޑުމެން ދަތުރުކުރުމުން ވެސް ފާހަގަވަނީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ވެސް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ގެދޮރުވެރިކަމުގެ އިންސާފް ސަަރުކާރުން ގާއިމް ކޮށްދޭންކަން," މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ ސަރުކާރެއްގައި އެންމެ އިސް ސިޔާސަތެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ވެސް ގެދުރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގައުމީ ލެވެލްއެއްގައި މި މައްސަލަ ހައްލުކުރުން. އެއްގޮތަކަށްވެސް މިއާ ގާތް ވެސް ނުކުރޭ ގައުމުގެ މިނިވަންކަމަށް ކުރިމަތިވެފައިހުރިކަންކަން ހައްލުކުރުމަށް ކުރަން ހުރި ކަންކަން," މުއިއްޒު ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ދިޔުމުގެ ސަބަބުން ކުދިކުދި ގޮޅިތަކުގައި ދަތިހާލުގައި ދިރިއުޅެންޖެހޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެ ގަތަކުގައި ތިބި ރައްޔިތުންނަށް ހަގީގަތުގައި އިންސާފެއް ހޯދައި ނުދެވޭނެ އެންމެ ދެތިން ހާސް ފްލެޓާއި ދެތިން ހާސް ގޯއްޗާއި އަދި ކިއެއްތަ ދިހަ ހާސް ގޯއްޗާއި ދިހަ ހާސް ފްލެޓް އަޅައިދީގެނެއް," މުއިއްޒު ވިދާޅުވިއެވެ.

މަދު ގޯއްޗާއި ފްލެޓް އެޅުމުގެ ސަބަބުން އުފެދިފައިވާ ގެދޮރުގެ މައްސަލަ އިތުރަށް ވާނީ ގޯސް ކަމަށް މުއިއްޒު ވިދާޅުވިއެެވެ. އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއް އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިއްކެންހުރި ހުރިހާ ބިމެއް ހިއްކައިގެން އެއީ ފުށި ދިއްގަރު ފަޅާއި ގުޅީ ފަޅުގެ ހިއްކެން އޮތް އެންމެ ބޮޑު މިނަކަށާއި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކައިގެން ގެދޮރުވެރިކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށްދިނުން," މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް