ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ޕްރެޝަރުން އަރައިގަންނަން ޖެހޭ: އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޓާގެޓާއެކު ކުރިމަތިލާ ޕްރެޝަރުތަކުން އަރައިގަންނަން ޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ޕީއެސްޖީން މާދަމާ ރޭ ނުކުންނަން ޖެހޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެންރީކޭ ދެކޭގޮތުގައި ޗެމްޕިއަންސް ލީގަށް ނުކުންނަން ޖެހޭނީ ކަންކަން ހަމައަކަށް އަޅުވައިގެންނެވެ.

"ކްލަބަކުން ކަމަކަށް މާބޮޑަށް އުޅޭ ކަމަށްވަންޏާ، އެއީ ރަނގަޅު ކަމަކަށް ނުވާނެ. ކަމަކާ މާބޮޑަށް އުޅުމަށްވުރެ، ގެންގުޅެން ޖެހޭނީ އަމާޒެއް. އަހަރެމެން ޖެހޭނީ ސަޕޯޓަރުން އުފަލުގައި ބެހެއްޓުމަށް ކުޅެން،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންރީކޭ ބުންޏެވެ.

ގިނަ ހަރަދުތަކަކާއެކު މިދިޔަ ސީޒަންތަކުގައި ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓަކަށް ވެފައިވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދުމެވެ. ނަމަވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެ ޓާގެޓަށް ވާސިލުވެފައިނުވާ އިރު، މިދިޔަ ސީޒަނަށްފަހު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ބްރެޒިލް ތަރި ނޭމާ ކްލަބު ދޫކޮށް ދިއުމުން މިސީޒަނުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

ޗެމްޕިއަންސް ލީގުގެ "ގްރޫޕު އެފް"ގައި ޑޯޓްމަންޑާ ދެކޮޅަށް ޕީއެސްޖީން ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ.

comment ކޮމެންޓް