ވިއްސާރައިގައި ގެއްލުންވެ، ފެމިލީ ކޯޓުގެ ބައެއް މަސައްކަތް ޖަސްޓިސް ބިލްޑިންއަށް

ފެމެލީ ކޯޓުގެ އޮފީސްތެރެއަށް ފެން ފައިބާތީ، އޮފީހުގެ ސްޓޭޝަން ތަކުގައި ސަތަރި އަޅާފައި ---

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެ ކޯޓުން ވަނީ އެ ގެއްލުންތަކާ ގުޅިގެން އެ އިމާރާތް ބޭނުންނުކުރެވޭތީ، މާދަމާއިން ފެށިގެން ކޯޓުގެ ބައެއް ޚިދުމަތްތައް ޖަސްޓިސް ބިލްޑިން އަށް ބަދަލުކޮށްފައެެވެ.

އެގޮތުން ބަދަލުކުރި ޚިދުމަތްތަކަކީ؛

  • ކައިވެނި އަގުދުކޮށްދިނުން
  • ކައިވެންޏާގުޅޭ ފޯމުތައް ބަލައިގަތުން
  • ކައިވެެންޏާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ސެޝަންތައް
  • ދަރިންގެ ޚަރަދާއި، އިއްދައިގެ ޚަރަދު އަދި ޖޫރިމަނާ ބަލައިގަތުން

އެ ކޯޓުގެ އޮފިޝަލަކު "ސަން"އަށް ކިޔައިދިން ގޮތުގައި ވިއްސާރަ ދުވަސްވަރު އެ ކޯޓުގެ ފުރާޅުން ފެން ލީކުވުމަކީ ކުރިން ވެސް ދިމާވާ ކަމެއް ކަމަށެވެ.

ފެމެލީ ކޯޓުގެ އޮފީސްތެރެއަށް ފެން ފައިބާތީ، އޮފީހުގެ ސްޓޭޝަން ތަކުގައި ސަތަރި އަޅާފައި ---

މިފަހަރު ފެން ވަދެގެން ތަނުގެ ސީލިންގުގެ އިތުރުން ތަޅުމުގައި އަޅާފައި ހުރި ކާޕެޓާއި، ޕާކޭއާއި، ގޮނޑި މޭޒާއި، ލެޕްޓޮޕަކަށާއި އަދި ސާވާ ރޫމަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އަގުގެ ގޮތުން ބަލާއިރު ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

އެ އިމާރާތް މަރާމާތް ކުރުމަށް މިހާރު ވެސް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކުރި ތާރީޚަށް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.

"ފެމިލީ ކޯޓުގެ މަސައްކަތް ޑީޖޭއޭއިން ބަޔަކަށް ހަވާލުކޮށްގެން ނިންމަން އޮތް މުއްދަތު ފާއިތުވިތާ ވެސް ތިން މަސް މިވަނީ. އަދިވެސް [ކޮންޓްރެކްޓް] އަތުލާކަށް ނޫޅޭ" އޭނާ ވިދާޅުވިއެވެ.

މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން މާލޭ ސަރަހައްދަށް ހުއްޓުމެއްނެތި ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ.

މެޓު އޮފީހުން ބުނި ގޮތުގައި މިރޭ މިހާތަނަށް މާލެއަށް 38 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ގުގުރުމާއެކު، ބޯކޮށް ވާރޭ ވެހޭނެއެވެ.

އެ އިދާރާއިން ބުނީ އަންގާރަ ދުވަހާ ހަމައަށް ވެސް މި ވިއްސާރަ ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް