މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތް ކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގުވާހަކައާއި ދޮގު ޚަބަރު ފެތުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ދޮގު ވާހަކައާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު ދިން ޚުތުބާގައި ބުނީ، ތެދު ދޮގު ނުބަލާ ވާހަކަތައް ގަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.
މިއަދުގެ ޓެކްނޮލޮޖީއަށް ބަލާއިރު ކިތަންމެ ދުރުގައި ހިނގާ ކަމެއް ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެތުރޭކަމަށް ޚުތުބާގައި ބުންނެވެ.
މިިކަމުގެ ނަތީޖާއަކީ ދޮގު ޚަބަރާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން ކުރިއަށްވުރެ ބޮޑުވުން ކަމަށް ޚުތުބާގައި ބުންޏެވެ.
"ދޮގު ވާހަކަ ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން، އިންސާނުން ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ގުރުއާނުގައި އައިސްފައި ވެއެވެ. އެއިން އިބްރަތް ހާސިލްކުރަން ބޭނުންވާ ބަޔަކު އިބްރަތް ހާސިލް ކުރުމަށެވެ. އެކަންތައްތަކުގެ މަތިން ހަނދުމަކޮށް އެއިން ރައްކާތެރި ވުމުގެ މުހިންމުކަން ދަސްކޮށް ދެއްވުމަށެވެ،" ޚުތުބާގައި ބުންޏެވެ.
އެގޮތުން އިބިލީހުގެ ވާހަކަ އާދަމްގެފާނު ގަބޫލު ކުރެއްވުމުގެ ނަތިޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުން ކަމަށް ޚުތުބާގައި ބުންޏެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި އެކަމުގައި ހިމެނޭ ބިރުވެރިކަން ހާމަކޮށްދެއްވާ ޚުތުބާގައި ބުނީ، މާތް ﷲ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވާފައި ވާކަމަށެވެ. އަދި ދޮގު ޚަބަރާއި ދޮގު ވާހަކަ ފެތުރުމަކީ މީހުން މެރުމަށް ވުރެ ނުބައިކަން ބޮޑުވެގެންވާ ކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ.
"މީހަކު ގަތުރުކުރުމަށް ވުރެ ފިތުނަވެރިކަން ބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ގަތުލުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި އެ ފަރުދަށް ނުވަތަ އާއިލާއަށް ކަމަށް ވެފައި، ފިތުނައިގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލުން ލިބޭނެތީއެވެ،" ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ދޮގު ޚަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށެވެ. އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެކެވެ. އަދި އެއީ މުޖުތަމައިގެ އަމަން އަމާންކަމުގެ ހައްގުގައި ބޮޑު ޖަރީމާއެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.