ބައި އަޅާ މޫސުން ފެށިއްޖެ، ހައްލެއް ނެތް؟

އެއް ޕާޓީއަކަށް މި ވެނި ވަރަކަށް މިނިސްޓްރީއެވެ. އަނެއް ޕާޓީއަކަށް ދެތިން މިނިސްޓްރީއާ އެކު ހައެއްކަ ފަޅާއި ރަށެވެ. ދެން ހުރި ޕާޓީތަކަށް އެހެން ސިޔާސީ މަގާމުތަކާއި މަޖިލީހުގެ ގޮނޑިތަކެކެވެ. މިގޮތަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ގައުމާއި ދީނުގެ ނަމުގައި ތިމާމެން ބޭނުންވާ ކަންކަން ކުރުމަށްޓަކައި ކޯލިޝަންތައް ހަދައި ވެރިކަމަށް އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިއީ ދިވެހީން ފޫހިވެފައިވާ، އަދި އިތުބާރު ނުކުރެވޭ ނިޒާމެކެވެ. ނަމަވެސް މި ރިޔާސީ އިންތިޚާބާ އެކު އަނެއްކާ ވެސް މިވަނީ އެކަން ފަށައިފައެވެ.

އަށް ކެންޑިޑޭޓުންނާ އެކު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ވެސް އެއް ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވިއެވެ. އެހެންކަމުން ދެން އޮތީ އެންމެ ގިނައިން ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ބުރެއްގައި ވާދަ ކުރެއްވުމެވެ. ފައިނަލަށް ދެ ބޭފުޅުން ނުކުންނަވާއިރު ތާއީދު ބޮޑު ކުރެއްވުމަށް ދެ ބޭފުޅުން ވެސް މިހާރު އެންމެ ބުރަކޮށް ކުރައްވަމުން އަންނަ ކަމަކީ އިތުރު ޕާޓީތައް ކޯލިޝަނަށް ގެނައުމެވެ.

މި ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުން -- ސަން ގްރެފިކްސް

އިއްޔެ މިވަނީ މި އިންތިޚާބުގައި ދެހާސް ވޯޓު ވެސް ނުލިބޭ މުޙައްމަދު ނާޒިމްގެ އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައެވެ. އަދި، އެކޯލިޝަނުން އިއްޔެ މިވަނީ އެބޭފުޅުންނާ ގުޅުމުގެ ދައުވަތު ހިއްޕަވައިގެން ފަސް ހާހެއްހާ ވޯޓު ލިބިލެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް ގޮސްފައެވެ. ރައްޔިތުންގެ އެއް ޕަސެންޓް ވޯޓު ލިބިލެއްވި އަހުމަދު ފާރިސް މައުމޫނާއި ހަތް ޕަސެންޓް ލިބުނު ޑިމޮކްރެޓްސްއިން ވެސް ޕީޕީއެމް/ޕީއެންސީއާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެމްޑީއޭއާއި އަދާލަތު ޕާޓީއާ އެކު އިންތިޚާބަށް ނުކުންނެވި ރައީސް ޞާލިޙް ވެސް ވިދާޅުވާ ގޮތުގައި ދެވަނަ ބުރުގައި އިތުރު ދެބައި މީހުން އެ މަނިކުފާނަށް ތާއީދު ކުރާނެއެވެ. އެ މަޝްވަރާތައް އަންނަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އަދި، ގާސިމްގެ ތާއީދު ހޯއްދެވުމަށް ސީދާ ރައީސް މިއަދު ގާސިމްގެ އަރިހަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޯލިޝަންތަކުގެ ސަބަބުން ވެރިކަންތައް ކުރަން ދަތިކަމަށް ގިނަ ސިޔާސީ ލީޑަރުން އެއްބަސްވެލައްވައެވެ. އަދި، ކުދި ޕާޓީތަކުން ރިޔާސީ އިންތިޚާބުތަކުގައި ވާދަ ކުރަނީ ވެސް ދެވަނަ ބުރުގައި އުފެދޭ ސަރުކާރަކުން ބައި ހޯދަން ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެއެވެ. ނަމަވެސް ވޭތުވެދިޔަ އެހެން ރިޔާސީ އިންތިޚާބުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް މި ވަނީ ބައި އަޅަން ފަށައިފައެވެ. ކޯލިޝަން މި ހަދަނީ އެއްވެސް ޝަރުތެއް ނެތި ގައުމަށްޓަކައި ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވި ނަމަވެސް އެއީ އެ ބޭފުޅުންގެ އަމަލުތަކަށް ބަލާއިރު ގަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ.

https://sun.mv/181930

ކޯލިޝަންގެ ސަބަބުން ފައިދާތަ؟ ގެއްލުންތަ؟

އާ ގާނޫނުއަސާސީގެ ދަށުން ތިން ރައީސުން ހޮވާފައިވާއިރު އެ ހުރިހާ ބޭފުޅުންނަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ ކޯލިޝަންތަކާ އެކުއެވެ. ސަރުކާރުތައް އެކުލަވައިލަނީ އެ ކޯލިޝަން ޕާޓީތަކަށް ބައި އަޅައި މަގާމުތައް ބަހާލައިގެންނެވެ. ނަމަވެސް ރައީސް ޞާލިޙް ފިޔަވާ ކޯލިޝަން ދެމެހެއްޓުނު އެއްވެސް ސަރުކާރެއް އަދި ނެތެވެ. ދެން ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ކޯލިޝަންތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޫޅުނެވެ. އެއާ އެކު ދެން އުފެދުނީ ސިޔާސީ ހަލަބޮލިކަމެވެ.

މި ސަރުކާރުގައި އަދި ކޯލިޝަން ދެމިއެބައޮތެވެ. ފަސް އަހަރު ހަމަވާން ދާއިރު މަގާމުތަކުގައި ތިއްބެވީ ކޯލިޝަން ހަތަރު ޕާޓީގެ ބޭފުޅުންނެވެ. ނަމަވެސް ރައީސް ޞާލިހަށް ކޯލިޝަން ދެމެހެއްޓުނީ ލައްކަ ދޫދެއްވައިގެންނެވެ. އޭގެ ތެރޭގައި ގާބިލު ކަމެއް ނެތް މީހުންނަށް ސިޔާސީ އިސް މަގާމުތައް ދެއްވުމާއި ސިޔާސީ މަގާމުތައް ހާހުން އުފެއްދެވުން ހިމެނެއެވެ.

https://sun.mv/181933

ކޯލިޝަންތަކުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ މަތި ބަރުވުމެވެ. ރައީސް ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރަށް ވެސް ޖެހުނީ ހަމަ އެ ހާލެވެ. މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން 1045 ސިޔާސީ މަގާމަކަށް މި އަހަރު 407 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރާނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި ގޮތުގައި ސަރުކާރެއް ހިންގުމަށްޓަކައި މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ފުރިހަމަ އިހުތިޔާރު ގާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީ ނަމަވެސް ކޯލިޝަނެއް އޮތުމުގެ ސަބަބުން ސީދާ ރައީސް ބޭނުންފުޅުވާ މީހަކު ނޫން މީހެއް ވެސް މަގާމުތަކަށް ގެންނަން ޖެހޭ ފަހަރު އާދެއެވެ. އެގޮތަށް މަގާމުތައް ދޭއިރު ކޯލިޝަން ޕާޓީން ހުށަހެޅީމާ އެންމެ ގާބިލު ނޫން މީހާއަށް ވެސް މަގާމުތައް ދޭން ޖެހޭ ކަމަށާއި އޭގެ ސަބަބުން ގައުމަށް ގެއްލުންވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

"ކޮރަޕްޝަން އޭންގަލްއިން ބަލާއިރު ބުނެވިދާނެ ގާބިލް ނޫން މީހާއަށް ވަޒީފާ ދިނުމަކީ ވެސް ނާޖާއިޒު މަންފާއެއް ހޯދުމޭ ވެސް ބުނެވިދާނެ،" މުއައްވިޒު ވިދާޅުވިއެވެ.

"މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެސް މަގުމަތީގެ އެކްޓްވިސްޓުންނަށް އުޅުނު ބޭފުޅުންނަށް މަގާމުތައް ދިނީމައި އެ ބޭފުޅުން އޮފީހަށް ނުކުމޭތޯ ނުނިކުމޭތޯ އެ މީހުން އޮފީސްތަކުގައި ކުރަނީ ކޮން މަސައްކަތެއްތޯ ބެލޭ ހާލަތެއް ވެސް ނާދެ،"

އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިޔާސީ މަގާމުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭއިރު ރާއްޖެފަދަ ދަރަނީގައި ހިންގާ ގައުމަކަށް މިއީ ވަރަށް ދަތިކަމެކެވެ. މީގެ ސަބަބުން ދައުލަތުގެ ހަރަދުތައް އިންތިޚާއަށް ބޮޑުވެގެންދެއެވެ.

މުއައްވިޒުގެ އަނެއް ކަންބޮޑުވުމަކީ ސަރުކާރުތައް ބަދަލުވުމާ އެކު އެ ސަރުކާރެއްގައި ހިއްސާވާ ޕާޓީތަކުގެ ވެރިންގެ މަސްލަހަތަށް ޕޮލިސީތައް ބަދަލު ކުރުމެވެ. ކޯލިޝަން ޕާޓުނަރުން ބައެއް ސަރުކާރުތަކުގެ އިސް މަގާމުތައް ހޯދާއިރު އެ ޕާޓީއެއްގެ ވެރިއެއްގެ ވިޔަފާރިއަށް ނުވަތަ މަސްލަހަތާ ގުޅޭ މިނިސްޓްރީތަކުގެ ކޮންޓްރޯލް ހޯދައިގެން އެ ބޭފުޅަކު ބޭނުންފުޅު ގޮތަކަށް ކަންކަން ބަދަލު ކުރާ މަންޒަރު ފެންނަ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

"މިސާލަކަށް ވަކި އަތޮޅަކުން ވަކި ފަޅެއް އެ ބޭފުޅަކު ބޭނުން ވަނީ. އޭގެ ކުރިން އެ ފަޅު އޮވެދާނެ އެހެން ކަމަކަށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި. އެކަމަކު އެ ތަން ބޭނުންވީމައި ޕޮލިސީ މި ބަދަލު ކޮށްލަނީ މިސާލަކަށް އެ ފަޅަކީ ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރެވޭނެ ފަޅެކޭ. މިކަހަލަ ކަންކަން ވަރަށް ކުރޭ،" މުއައްވިޒު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުތަކަށް ދިމާވާ އަނެއް ގޮންޖެހުމަކީ ސިޔާސަތުތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ގޮތް ނިންމުން ލަސްވެގެން ދިއުމެވެ. އޭގެ ސަބަބުން ތަރައްގީ ލަސްވެއެވެ. އެންމެން ރުއްސައިގެން ހުރިހާ ކަމެއް ކުރަންވީމާ ލައްކަ ވަގުތު ގެއްލެއެވެ. ނުރުއްސާ ކުރަން އުޅެފިނަމަ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ހީވެއެވެ. އަނެއް ގޮންޖެހުމަކީ ކޯލިޝަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންނުވާ ކަންކަން ކުރަން ރައީސަށް މަޖުބޫރުވުމެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް ވަސީލަތްތައް ދިނުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

ހައްލަކީ ކޮބާ؟

ސަރުކާރެއް އެކުލަވާލާވަރަށް ތާއީދު ނެތްނަމަ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް ކޯލިޝަންތަކާ އެކު ސަރުކާރުތަކަށް ކުރެވިފައި ހުރީ މާ ރަނގަޅު ތަޖުރިބާއެއް ނޫނެވެ. އެކަން ބަދަލު ކުރަން ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް ދޭގޮތާއި ދައުލަތުގެ ވަސީލަތްތައް ދޭ އުސޫލުތައް ވެސް ހިމެނެއެވެ.

ރިޔާސީ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ވަގުތު

މުއައްވިޒުގެ ނަޒަރުގައި މި ހާލަތު ބަދަލު ކުރުމަށްޓަކައި ޖަވާބުދާރީ ވާން ޖެހޭ ގޮތަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން މުހިންމެވެ. އެގޮތުން މިހާރު މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާއިރު މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް އޭނާ ދެކިލައްވައެވެ.

އޭނާގެ ނަޒަރުގައި ދެން ކުރަން ޖެހޭ އަނެއް ކަމަކީ ސިޔާސީ މަގާމުތަކަށް އަންނަ ފަރާތްތަކަށް ވެސް ޝަރުތުތަކެއް ކަނޑައެޅުމެވެ. އެގޮތުން އެކި ފެންވަރުގެ މަގާމުތަކަށް އާދެވޭނީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވަކި ފެންވަރެއް ހުރެގެން ކަމަށް ކަނޑައެޅުން މުހިންމު ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

ވަކި ސިޔާސީ ބޭފުޅެއްގެ މަސްލަހަތަށް ސަރުކާރުގެ ތެރެއިން ކަންކަން ކުރުން ހުއްޓުވަން އޮތް އަނެއް ގޮތަކީ ގައުމީ ތަރައްގީގެ ޕްލޭނެއް ކަނޑައަޅައި އެ ތަންފީޒު ކުރުމެވެ. އޭރަށް ވަކި ބޭފުޅަކު ބޭނުންފުޅުވީމައި ޕޮލިސީތައް ބަދަލުކޮށްގެން ނާޖާއިޒު ފައިދާތައް ނެގުން މަދު ކުރެވޭނެއެވެ.

ސިޔާސީ މައިދާނުން އެއް ކަންތައްތަކެއް ތަޖުރިބާކޮށް ހެޔޮ ބަދަލެއް ނުފެނި ގިނަ ދިވެހީންތަކެއް މާޔޫސް ވެއްޖެއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދުން އެކަން ހާމަވެއެވެ. ނަމަވެސް އަދިވެސް ކަންކަން ރަނގަޅުވާ މަންޒަރެއް ނުފެނެއެވެ. ވެރިކަން ހޯދުމަށްޓަކައި ބައި އަޅަން މި ވަނީ ފަށައިފައެވެ. މިއީ ނިމުމަކަށް އަންނަން ޖެހޭ ކަމެކެވެ. ތިމާމެންގެ އަމިއްލަ އެދުމަށްވުރެން ގައުމު އިސްކޮށްދޭން އެބަޖެހެއެވެ.

comment ކޮމެންޓް