އެމްޑީޕީގެ ގިނަ ބަޔަކު ވޯޓުލާން ނުނިކުމޭ, ހިސާބުތަކުން ދައްކަނީ މޮޅުވާނެ ކަމަށް: އަސްލަމް

ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އަސްލަމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މާހިލް އާތިފް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ނުނިކުމެ ތިބި ކަމަށާއި ހުރިހާ ހިސާބުތަކަކުން ވެސް ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މޮޅުވާތަން ކަމަށް އެ މަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގައި ހުންނަ އެމްޑީޕީގެ ދަނޑި ކޮށީ ޖަހަގައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ, ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިނުވާ ކަމަށާއި ދެވަނަ ބުރުގައި ކާމިޔާބު ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ބައްޔެއް ނުވޭ. ބަލިވާން ގާތް ވެސް ނުވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރީތިކޮށް ސާފުކޮށް އަޅުގަނޑުމެން މި ނިންމާލާނީ ހަމަ މޮޅުވެގެން. މޮޅުވާނެ. ހުރިހާ ހިސާބުތަކެއް ދައްކަނީ އެހެން," އަސްލަމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް ޞާލިހަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު ވޯޓު ލާން ނުނިކުންނަކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެކަމުގެ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އޯވާކޮންފިޑެންޓްވުން ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"37000 ވޯޓު އަޅުގަނޑުމެނަށް ނުލެވި އެބައޮތް. އެއީ އަޅުގަނޑުމެންގެ ވަރަށް ސާފު ޕްލެޖުތައް," އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތްކަން މިހާރު ހާމަވަމުން އަންނަ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ އެންމެންގެ ވެސް ގައުމު. މި ގައުމުން ބައި އިންޗިއެއް ވެސް އެހެން ބަޔަކަށް ދޫކޮށްލާކަށް އަޅުގަނޑުމެން ހަމަ ގައިމު ވެސް އެމްޑީޕީއެއް އެއްބަހެއް ނުވާނެ," އަސްލަމް ވިދާޅުވިއެވެ.

މި ގައުމުގެ ސަރަހައްދުން އެއްވެސް ބައެއް ސަރުކާރުން ދޫކޮށްލާފައިނުވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ, ރާއްޖޭގެ ބައެއް ވިއްކާލިކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއްކަން ސާބިތުވަމުން އަންނަ ކަމަށެވެ.

އަށް ކެންޑިޑޭޓުން ވާދަކުރި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދަވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް ޖުމުލަ 101،613 ލިބިލެއްވިއެވެ. އެއީ، 46.06 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް 86،151 ވޯޓު ލިބިވަޑައިގެންއިރު އެއީ 39.05 އިންސައްތައެވެ.

comment ކޮމެންޓް