ބްރެޒިލްގެ ރައީސްގެ ތައުރީފު 'އާރްއާރްއާރް'ގެ ޓީމަށް

މިމަހުގެ 9ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ނިއު ދެއްލީގައި ކުރިޔަށްދާ މިއަހަރުގެ ޖީ20 ސަމިޓުގައި އިންޑިއާގެ ފިލްމު "އާރްއާރްއާރް"އަށް ބްރެޒިލްގެ ރައީސް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ބްރެޒިލްގެ ރައީސް ލުއީ އިނާސިއޯ ލުލާ ދަ ސިލްވާ ފިލްމު "އާރްއާރްއާރް"އާ ބެހޭގޮތުން މި ސަމިޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ ފިލްމުގައި އެކްޓަރުން ދައްކުވައިދިން ޕާފޮމެންސާއި ނެށުމުގެ ހުނަރު ފެނުމަށްފަހު ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތްކަމަށެވެ.

ތެލުގޫ ސިނަމާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރު އެސް އެސް ރާޖާ މޮލީގެ ތަޖުރިބާގެ އަލީގައި އުފެއްދި މިއެކްޝަން ޑްރާމާ ފިލްމުން އިންޑިއާއަށް ގެނެސްދިން ކާމިޔާބީއަށާއި ބައިނަލް އަޤްވާމީ ސަމާލުކަން ފިލްމަށް ލިބިފައިވުމަކީ މުޅި އިންޑިއާއަށްވެސް ލިބުނު ފަޚުރެއްކަމަށް ބްރެޒިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. މި ފިލްމަކީ ތިން ގަޑިއިރުގެ ފިލްމަކަށްވީ ނަމަވެސް ފިލްމުގައި ދައްކުވައިދީފައިވާ ހެއްވާ މަޖާ ޙާދިސާތަކާއެކު ހިތްގައިމު ނެށުންތަކުން ފިލްމު ބެލިއިރު އެއްވެސްވަރެއްގެ ފޫހިކަމެއް އިހުސާސްނުކުރެއްވޭ ކަމަށް ރައީސް ލުއީ އިނާސިއޯ ލުލާ ދަ ސިލްވާވަނީ ވިދާޅުވެފައެވެ.

މި ފިލްމު ބަލާފައިވާ ގިނަ ފަރާތްތަކަށް އިނގިރޭސީންގެ ކޮންޓްރޯލް ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތާރީޚު ތަސައްވަރު ކޮށްލެވޭނެ ކަމަށާއި ވަރަށް ގިނަ ރަޙްމަތްތެރިންނަށް ފިލްމު ބެލުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ބްރެޒިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ފިލްމު "އާރްއާރްއާރް"ގެ ޓީމުގެ ފަރާތުން ޑައިރެކްޓަރު އެސް އެސް ރާޖާމޮލީ ވަނީ މިކަމާ ގުޅޭގޮތުން ބްރެޒިލްގެ ރައީސަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ބޭރު ދުނިޔޭގެ ގިނަ ވެރިންތަކެއް ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި ފިލްމު "އާރްއާރްއާރް"އަށް ލިބުނު ސަމާލުކަމާއެކު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ބައިނަލް އަޤްވާމީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މިންވަރު ވަރަށް ބޮޑަށް ވަނީ ދޭހަވެފައެވެ.

comment ކޮމެންޓް