ލ. އަތޮޅު ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެއްޖެ

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. އަތޮޅު ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނީ 18:25ހާ އިރު ކަމަށެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ހިނގި މި އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ އާއި، ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެ، ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

އަދި އަނިޔާވީ މީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 01:51 ހާއިރު މަރުވެފައިވާ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް އަންގައިފައި ވާ ކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.

މި އެކްސިޑެންޓުގައި މަރުވި މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސް އޮންނަ 41 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އަދި މީގެ އިތުރަށް ފުލުހުން ބުނީ ކާރު ދުއްވަން އިނީ ކާރު ދުއްވުމުގެ ލައިސެންސް ނެތް، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.

comment ކޮމެންޓް