ހުކުރު ދުވަހު ދުޢާ އިޖާބަ ކުރައްވާ ވަގުތެއްވޭ، ހެޔޮ ގޮތުގައި އަދާކުރޭ: ޚުތުބާ

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުރު ދުވަހަކީ އެންމެ މާތް ދުވަސްކަމުގައި ލައްވާ ދުޢާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއް ހުކުރު ދުވަހު ލެއްވީ އެ ދުވަހުގެ މަތިވެރިކަން ދަނެ އެ ދުވަސް ހައްގު، ހެޔޮގޮތުގައި އަދާކުރުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ، ހުކުރު ދުވަހު ދުޢާ އިޖާބަކުރައްވާ ވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގެ ވަގުތެއް ކަމަށެވެ. ނުވަތަ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައި އެވާ ވަގުތު ކަމަށް ވެސް ރިވާވެގެން ވާކަމަށެވެ.

ހުތުބާގައި ބުނީ ހުކުރު ދުވަހަކީ ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ. އެގޮތުން ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ،

"ފަރުޟު ފަސް ނަމާދު (އެއްނަމާދުން އަނެއް ނަމާދަށް)، އަދި ހުކުރުން އަނެއް ހުކުރަށް، އަދި ރަމަޟާން މަހުގެ ރޯދަ، އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަކަމުގައި ވާނަމައެވެ،" ޚުތުބާގައި ބުންޏެވެ.

ހުކުރު ދުވަހު ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ނަމާދެވެ. މިހެންވެ ހުކުރު ނަމާދަށް އަވަސްވެގަތުމަށް އަމުރުކުރައްވާފައި ވެއެވެ. ހުތުބާ ފެށުމަށްފަހު ހުކުރަށް ދާމީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތްﷲ ހާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުއްތަކުގައި ލިޔެވޭނެ ބައެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

"ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެއެވެ. އެބަހީ: މެންދުރު ނަމާދުގެ ބަދަލުގައި އެ ނަމާދު ގަބޫލު ކުރައްވާނެއެވެ. ނަމަވެސް ހުކުރު ނަމަދަށް މާތްﷲ ޚާއްސަ ކުރައްވާފައިވާ ދަރުމަ އާއި ޘަވާބުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހުނަށް އުނިވާނެއެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މަގުބޫލު އެއްވެސް އުޒުރަކާ ނުލާ ހުކުރު ނަމާދަށް ނުގޮސް ތިބުމަކީ އެބައިމީހުންގެ ހިތްތަކުގައި ހިއްސަ ޖެހި ބަންދުވާނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމައުގެ ބައެއް ފަރުދުން އެކަންކަމަށް ސަމާލުކަން ނުބަހައްޓާ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ހުކުރު ނަމާދަށް ދިއުމުގައި ފަރުވާ ކުޑަކުރުމާއި، ހުކުރު ނަމާދު އަޅާފައި ޕިކުނިކު ދިއުން ފަދަ ކަންކަން މިއަދު ފެންނަކަމީ ހިތާމަ ހުރި ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް