ދިވެހިންނަށް ހަމަޖެހުމެއް ލިބިފައި ވަނީ، ގާސިމްގެ ވިޔަފާރި ފުޅާ ކުރުމުން: ނަހުލާ

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް 2019ގައި ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހަމަޖެހުމެއް ލިބިފައި ވަނީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އޭނާގެ ވިޔަފާރި ފުޅާކުރެއްވުމުން ލިބުނު ފައިދާތަކުގެ ސަބަބުން ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ ގާސިމަކީ ވަރަށް ހިތްތިރި، ޖަޒުބާތީ ބޭފުޅެއް ކަމަށެވެ.

"އެކަހަލަ މައުސޫމް ބޭފުޅަކަށް މީހުން ކިޔާ އެއްޗެހި ހިތަށް އެރީމަ ދެރަވަނީ. ގާސިމް ހަގީގަތުގައި މި ރާއްޖޭގެ ރައްޔިތުންނަށް ނޭނގޭވަރު ހިތަށް އެރީމަ ދެރަވަނީ، އެއީ ކިހާ ސާފު ބޭފުޅެއްކަން،" ކަރުނަ ހިލިފައިވާ ހާލަތުގައި ނަހުލާ ވިދާޅުވިއެވެ.

"ވަރަށް ނިކަމެތި އާއިލާއަކުން، މަންމަ ވަރަށް ކުޑައިރު ނިޔާވެފަ. އެހެންނަމަވެސް ވަރަށް ހިތްވަރާއެކު ވަރަށް ޅަ އުމުރުގައި މަސައްކަތް ކުރައްވާފަ އެތައް ކުރިއެރުމެއް [ހޯއްދަވާފަ] ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެފަ."

ނަހުލާ ވިދާޅުވީ، މީގެ ކުރިން ދެ ފަހަރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާ ގާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ކަމަށެވެ. ނަމަވެސް ގާސިމަކީ ތަނަވަސްކަމާއި އަނބިންނާއި ދަރިން ވެސް ލިބިފައިވާ މީހެއްކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދެއްވުމަށް ޓަކައި ކަމަށެވެ.

ގާސިމްއާއި ނަހުލާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، ގާސިމްގެ އަމިއްލަ ވިޔަފާރި ފުޅާކުރުމުން ވެސް ދިވެހިންނަށް ހަމަޖެހުން ލިބުމަށް މަގުފަހިވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން މަޝްރޫއުތައް ހިންގަމުން އައީ ހަމައެކަނި ސަރުކާރު ހިއްސާވާ ގޮތަށް ކަމަށާއި އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެ ފަރާތްތަކުން ވިޔަފާރި ނުކުރާ ކަމަށެވެ.

އޭގެ ސަބަބުން ވާދަވެރި ބާޒާރެއް ނެތި، ވިޔަފާރީގެ ދާއިރާގައި ސަރުކާރުގެ މޮނޮޕޮލީއެއް ގާއިމުވެފައި އޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގާސިމް އެކަން ނިމުމަކަށް ގެނެސް، މަސައްކަތްތައް ފުޅާ ކުރުމުން ތެލާއި ދަތުރުފަތުރު ފަދަ ޚިދުމަތްތަކުގެ އަގުހެޔޮވި ކަމަށް ނަހުލާ ވިދާޅުވިއެވެ.

"މިސާލެއް، ފްލައިމީ ފެއްޓި އިރު އެންމެ އަގުހެޔޮކޮށް، މިހާރު ވެސް ބައްލަވާ އިނގޭތޯ އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބޭނީ ފްލައިމީން. އެގޮތަށް އެކަން ކުރީމައެއްނޫންތޯ އޭރެއްގެ އޮތް ސަރުކާރަކުން ޖެހުނީ ޓިކެޓްގެ އަގު ދަށްކުރަން. ކޮން ބަޔަކަށްތޯ ފައިދާވީ ގާސިމް އިބްރާހީމް ވިޔަފާރި ކުރީމަ؟ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށްހެން،" ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަމިއްލަ އެއާލައިނެއް ހިންގަވާ ގާސިމްގެ ވިޔަފާރީގެ ނުފޫޒު ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޯރުވާ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް އޭނާ ރައްދުދެއްވިއެވެ.

ނަހުލާ ވިދާޅުވީ ވިލާ ކުންފުނީގެ މައްސަލައެއް ގާސިމް ވަކިން އޭނާއާ ހިއްސާ ނުކުރައްވާ ކަމަށާއި އެ ކުންފުންޏަށް ކަމެއް ބޭނުންވާނަމަ ގާސިމް އަމަލު ކުރައްވަނީ އެކަމަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"[އެ ތުހުމަތުތައް ކުރަނީ] ހަގީގަތެއް އޮވެގެނެއް ނޫން. ބަޔަކަށް ކަންތައް ހަޖަމު ނުވެގެން ކުރާ ކަމެއް ކުރަނީ. އަޅުގަނޑު ދަންވާލަން އޮތީ އަނބުރާ އައިސް އަތުގަ ނުހިފޭ ވަރަށް ނުވަތަ ސަލާން ނުކުރެވޭ ވަރަށް ދުރަށް ނުދާށޭ،" ނަހުލާ ވިދާޅުވިއެވެ.

ގާސިމާއި ނަހުލާގެ ކައިވެންޏަށް މިހާރު 16 ވަރަކަށް އަހަރުވެފައިވާ އިރު ދެ ބޭފުޅުންގެ ހަ ކުދިން ތިބެއެވެ.

ނަހުލާގެ އިތުރުން ގާސިމްގެ ތިން އަނބިން ތިއްބަވާއިރު، މިފަހަރުގެ އިންތިޚާބުގައި ހުރިހާ އަނބިން ވެސް ދަނީ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

comment ކޮމެންޓް