ސްޕީޑް ލޯންޗްތަކުން ހޮސްޕިޓަލްތައް ގުޅާލުމުގެ ޚިދުމަތް ފަށައިފި

ސްޕީޑް ލޯންޗްތަކުން ހޮސްޕިޓަލްތައް ގުޅާލުމުގެ ޚިދުމަތް ފެށުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މާހިލް އާތިފް

ސިއްޙީ ދާއިރާއިންދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ހެލްތު ލައިން އިފްތިތާޙްކޮށް ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ޙަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަޙުމަދު ނަސީމެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ނަމުގައި އިފްތިތާހު ކުރި އެ މަޝްރޫއަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ މަޤްސަދުގައި ތަޢާރަފްކުރެވުނު ނިޒާމެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިޒާމްގެ ތެރެއިން އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްރަށުގައި ގަވާއިދުން އައުޓްރީޗް ޕްރޮގްރާމްތައް ހިންގާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބެޑް ރިޑެން ޕޭޝަންޓުންގެ ގާތަށް ޑޮކްޓަރުން ޒިޔާރަތްކޮށް ގަވާއިދުން ޑޮކްޓަރުންނަށް ދެއްކޭގޮތް ހަމަޖެހޭނެއެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ނަމުގައި އިފްތިތާހު ކުރި އެ މަޝްރޫއުގެ ދަށުން ބައެއް ހޮސްިޓަލްތަކަށް ދިނުމަށް ހަމަޖެހިފައިވާ ސްޕީޑް ފެރީ --- ސަން ފޮޓޯ: މާހިލް އާތިފް

މީގެ އިތުރުން މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ސާމްޕަލް، އިމަޖެންސީ މެޑިސިން، އަދި ކޮންސިއުމަބަލްސް ފަދަ ތަކެތި ފޮނުވުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން ގުޅުންހުރި ސްޓޭކްހޯލްޑާސް ގުޅިގެން އެކަމާ ގުޅޭ ދިރާސާތައްކޮށް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް ވޯކްޝޮޕްތައް ވަނީ ބާއްވާފައެވެ.

އޭގެ މަޤްސަދަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ހަރުދަނާކޮށް ދެވޭ ޚިދުމަތްތައް ފަސޭހައިން އަވަސް ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމަށް ބޭނުންވާ އެއް ޑްރޯން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ދެވަނަ ޑްރޯން މިމަސް ތެރޭގައި ގެންނާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ހެލްތު ލައިންގެ މަޝްރޫޢު ނިމޭއިރު ޖުމްލަ 20 އަތޮޅަށް މިޚިދުމަތް ފުޅާކުރެވޭނެއެވެ. މިމަޝްރޫޢު ނިމިގެންދާއިރު 55 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ލަފާ ކޮށްފައެވެ.

comment ކޮމެންޓް