އަދާލަތު ޕާޓީ ނަގާ ކޮޅަށް ޖައްސަވައިދެއްވީ ޑރ. މުއިއްޒު: ތޮލާލް

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް-- ސަން ފޮޓޯ/ ހަސަން މާނިއު

އަދާލަތު ޕާޓީ މިއަދު ފެންނަން އެ އޮތް ގޮތަށް ފެންނަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު، އެ ޕާޓީ ވެއްޓިފައި އޮއްވާ ނަގާ ކޮޅަށް ޖައްސަވައިދެއްވުމުން ކަމަށް އެ ކޯލިޝަންގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް މިގޮތަށް ވިދާޅުވީ، މާލޭ މެނިފެސްޓޯ ލޯންޗުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޑރ. މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހިޔަލުގައި ކައިބޮއެގެން އުޅެނިކޮށް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

https://sun.mv/181567

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ތޮލާލް ވަނީ އިމްރާނަށް ރައްދުދެއްވާ މިނިސްޓަރު އިމްރާނަކީ، ދިވެހި ރައްޔިތުން ކުރިމަތީގައި ސިޔާސީ ބޭނުމަށް ދޮގު ހަދާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

"އިމްރާނަށް، ޑރ. މުއިއްޒު ވަރަށް ރަނގަޅަށް އެނގެއޭ ވަނީ ބުނެފައި. މުއިއްޒު އެނގިވަޑައިގަންނަވާ ނަމަ އެއީ ތެދުފުޅެއް އިނގޭތޯ. އެކަމަކު ދެން ހެއްދެވީ މުޅިން ވެސް އިތުރުފުޅު. އިމްރާން ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގަން ހާލުގައި ޖެހުނު ވަގުތު އެހީވީ ކޮން ބޭފުޅެއްތޯ؟ އަދާލަތު ޕާޓީ ނެތުމުގެ ތެރެއަށް ގޮސް އޮއްވައި، އުވޭ ހާލަތުގައި އޮއްވާ އަދާލަތު ޕާޓީ ނަގާ އިދާރީ ގޮތުންނާ މާލީ ގޮތުން ކޮޅަށް ޖައްސަވައިދެއްވީ ކޮން ބޭފުޅެއްތޯ؟ އެއީ ޑރ. މުއިއްޒު،" ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރު އިމްރާން ތެދު ހައްދަވާނަމަ އެކަން ދޮގުކުރައްވާ އިތުރުފުޅެއް ހައްދަވަން ނުކެރުނީސް ކަމަށެވެ.

ޑރ. މުއިއްޒު އެތައް މަސައްކަތެއް ކުރައްވައިގެން އަދާލަތު ޕާޓީ ނަގާ ކޮޅަށް ޖައްސަވާ، އެ ޕާޓީ މާލީ ގޮތުން ސަލާމަތްކޮށްދެއްވީ ވެސް އެ މަނިކުފާނުގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އެހެންވީމަ ޑރ. މުއިއްޒު، އަދާލަތު ޕާޓީގެ ހާލީ ތެރޭ އުޅެ ބޮޑުވީއޭ ކިޔާފައި ވާހަކައެއް ނުދެއްކޭނެ. އަދާލަތު ޕާޓީ ބޮޑުކޮށް ދިނީ ޑރ. މުއިއްޒު. އަދާލަތު ޕާޓީ މިއަދު އެ އޮތް ގޮތަށް އެ ފެންނަނީ ޑރ. މުއިއްޒުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާ އެކު އަދާލަތު ޕާޓީއަށް އެހީތެރިވި އެއް ބޭފުޅަކީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުކަން ފާހަގަކުރައްވާ ތޮލާލް ވިދާޅުވީ މިއަދު، ޑރ ޝަހީމާއި ޑރ. މުއިއްޒު އެ ޕާޓީ ދޫކުރައްވާ ގޮސްފައި އެ ތިބީ ސަބަބުތަކެއް އޮވެގެން ކަމަށެވެ.

އަދި، ޕާޓީ ދޫކުރައްވާ ދިޔަ ކަމުގައި ވީ ނަމަވެސް މިއަދު އެ ބޭފުޅުންނޭ ކިޔާ ދޮގު ވާހަކަތައް ދައްކައި އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

comment ކޮމެންޓް