ވެރިކަން ލިބިއްޖެ ނަމަ ކާޑެއްދޫ އެއާޕޯޓް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނާނަން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް --

މޯލްޑިވެސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަނީ ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިންނެވެ.

ގދ. ތިނަދޫގައި ބޭއްވި ކެންޕޭން ޖަލްސާގައި ނާޒިމް ވިދާޅުވީ އެ ސަރަހައްދަކީ މުއްސަނދިކަން އޮތް ސަރަހައްދެއް ކަމަށާއި ނަމަވެސް އެ މުއްސަނދިކަން ރައްޔިތުންނަށް ދޭން ސަރުކާރުތަކުން ބޭނުން ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކާޑެއްދޫ އެެއާޕޯޓް މިހާރުވެސް އޮތީ މީގެ 25 އަހަރު ކުރިން އޮތް ފެންވަރުގައި ކަމަށާއި ނަމަވެސް އެއީ ތަރައްގީގެ ބައެއްގެ ގޮތުގައި އެ ސަރަހައްދުގެ މީހުން ގަބޫލުކުރާހެން ހީވާ ކަމަށެވެ.

"އަޅުގަނޑު މިއަންނަނީ މި ސަރަހައްދަށް ބޮޑު ބަދަލެއް ގެންނަން. ފުރަތަމަ ކަމަކީ ކާޑެއްދޫ އެއާޕޯޓް މި އަމިއްލަ މީހެއްގެ އަތުގައި އޮތް އަތުން ނިމުމަކަށް ގެންނަންޖެހޭ. އެހެންވީމަ ސަރުކާރުގެ ބާރުގެ ދަށަށް އެ އެއާޕޯޓް ގެންނާނަން. އެއަށް ފަހު ކާޑެއްދޫ ތަރައްގީކޮށް އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް މި ސަރަހައްދުގެ މީހުންނަށް ދައްކާނަން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއާޕޯޓެއް ހަމައެކަނި އޮތުމަކުންނެއް ތަރައްގީއެއް ނާންނާނެ ކަމަށާއި އެއާޕޯޓާއެކީ އެތަނާ ގުޅުން ހުރި އެހެނިހެން ކަންކަން ވެސް އަންނަން ޖެހޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކާޑެއްދޫގައި ޓޫރިޒަމް އާލާކޮށް ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން އެތަނުގައި ސިޓީ ހޮޓާ އަޅައި އެ ސަރަހައްދުގައި މަސައްކަތް ކުރާ ޒުވާނުންނަށް އެތަންތަނުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްވެ، ބައިނަލްއަގުވާމީ ފެންވަރަށް ބަނދަރުތައް ތައްޔާރުކުރެވި މި ސަރަހައްދުގައި ކިޔަވައި ދެވޭނެ ކޮލެޖުތައް ތައާރަފްކުރެވި އަދި މިތަނުގައި އެކި ކަހަލަ އިގުތިސާދީ ހަރަކާތްތައް ހިންގުނީމަ މި ސަރަހައްދު ވެގެންދާނީ އިގުތިސާދީ ގޮތުން ބާރު ގަދަ އެހެން މީހުންނަށް މި ސަރަހައްދާ ދޭތެރޭގައި ޖެހިލުންވާ ފަދަ ވަރުގަދަ ސަރަހައްދަކަށް،" ނާޒިމް ވިދާޅުވިއެވެ.

މަޑަވެލި-ހޯނޑެއްދޫ އަކީ ކޯޒުވޭއަކުން ގުޅާލެވި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ވަރެއްގެ އާމްދަނީއެއް ނުލިބޭގޮތަށް ބިކަކޮށްލެވިފައި އޮތް ރަށެކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެތަނުގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ގޮތާއި އަދި ދަޅުގައި މަސް ބަންދުކޮށްގެން އެކްސްޕޯޓް ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

ދެވަނަ ދައުރެއް ރައްޔިތުން ދީފި ނަމަ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަން ކުރުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްވެސް މެއެވެ.

comment ކޮމެންޓް