މައިންބަފައިންނަށް އުރެދުމަކީ އަޅުކަންތަކުގައި ޖެހޭ ލައްތަކެއްކަމަށާއި މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމު ވާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ޚާއްސަކޮށް ކީ ޚުތުބާގައި ބުނީ، މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އަދާކުރަން ޖެހޭ ހައްގުތަކަށް ފަހު ދެން އެންމެ އިސްކަމެއް ދޭން ޖެހޭނީ މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްގަށް ކަމަށެވެ.
އެގޮތުން އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް ޚިދުމަތް ކުރާނެ ފުރުސަތު ލިބުމަކީ އެކަމަށްޓަކާ ޝުކުރުވެރި ވާންޖެހޭ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް، މައިންބަފައިންނަށް ހެޔޮކޮށް ހިތަންވާނީ އެމީހުން އެކަމަށް އެދުމުންކަމަށް ގަބޫލުކުރާ މީހުން މިހާރު މުޖުތަމައުގައި ގިނަވެފައި ވާކަން ޚުތުބާގައި ފާހަގަކުރިއެވެ.
"ނަމަވެސް އެ މީހުން ކަމެއް ބޭނުން ވިއަސް ނުވިއަސް ދަރީން މައިންބަފައިންނަށް އަބަދު ވެސް ހެޔޮކޮށް ހިތަންވާނެ،" ޙުތުބާގައި ބުންޏެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މިސާލެއްގެ ގޮތުން ޚުތުބާގައި އަލި އަޅުއްވާލެއްވީ އިބްރާހީމްގެފާނުގެ ވާހަކައަށެވެ. އެގޮތުން އިބްރާހީމްގެފާނުގެ ބައްޕާފުޅު އާޒަރު އެކަލޭގެފާނަށް ގޮވާލަމުން ގެންދެވީ އާޒަރުގެ ދެ އަތުން ހަދާ ބުދުތަކަށް އަޅުކަން ކުރުމަށެވެ. އަދި ބުދަށް އަޅުކަން ނުކުރުމުން އެކަމާ ރުޅި އައިސް އިބްރާހީމްގެފާނަށް އިންޒާރު ދެއްވިއެވެ. ނަމަވެސް އިބްރާހީމްގެފާނު ބަފައިކަލުން އާޒަރަށް ގޮވާލައްވަމުން ގެންދެވީ ސުވަރުގެއަށެވެ.
"މި ވާހަކައިން މި ފެންނަނީ މައިންބަފައިން ރުޅި އަންނަ ހިންދު މަޑުމައިތިރިކަމާއި، ލޯތްބާއެކު މުއާމަލާތު ކުރުމުގެ ރިވެތި މިސާލެއް،" ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން އިސްމާއީލްގެފާނު ކުރެއްވި އިމްތިހާނަކީ ވެސް އިބްރަތުން ފުރިގެންވާ އިމްތިހާނެކެވެ. މާތް ﷲ އިބްރާހީމްގެފާނަށް އަމުރު ކުރެއްވީ ދަރިކަލުން އިސްމާއިލްގެފާނު ގުރުބާން ކުރާށެވެ. އެހިނދު އިސްމާއީލްގެފާނު ވިދާޅުވީ ބައްޕާފުޅަށް އަމުރު ކުރައްވާ ކަންތައް ކުރެއްވުމަށެވެ.
ޚުތުބާގައި ބުނީ، މިއީ މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މައިންބަފައިންގެ ރުހުމުގެ އަގު ބޮޑުކަމަށް ޚުތުބާގައި ބުންޏެވެ.
"މުދަލަކީ ދުނިޔޭގެ ތަނަވަސްކަމުގެ ބައެއް ކަމުގައި ވާނަމަ، މައިންބަފައިންގެ ރުހުމަކީ ދުނިޔެއާއި އާޚިރަތުގެ ތަނަވަސްކަމެވެ،" ޚުތުބާގައި ބުުންޏެވެ.