ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކްލާސްތަކެއް ނަގައިދޭން އިޝްތިހާރުކުރި މައްސަލައިގައި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު މިފަދަ ކްލާސްތަކެއް ނަގައިދޭން އުޅޭކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ކަމަށެވެ.
އެގޮތުން، އެމީހާއާ އެކު އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމާ ބެހޭ ގާނޫނާ އަދި އިމިގްރޭޝަން ގާނޫނާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ސްޕިރިޗުއަލް' އެހީ ފޯރުކޮށްދިނުމުގެ ނަމުގައި މާލޭގެ ހޮޓަލެއްގައި، ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ގަނޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު މާލޭގައި ކްލާސް ނަގައިދޭނެ ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ޕޯސްޓުގައިވާ ގޮތުން އޭނާ ކްލާސްތައް ނަގައިދޭނީ ބުދަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށެވެ.
އޭނާގެ ލަފާ ދޭނީ، ކޮންސަލްޓޭޝަން ފީއެއްގެ ގޮތުގައި 100 ޑޮލަރު ދިނުމުން ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.