އެއްބަނޑު އެއްބަފާ ބޭފުޅުންގެ ތާއީދަކަށް ނޭދެން، ގުޅުމަށް އަސަރެއް ނުކުރޭ: ފާރިސް

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން -- ސަން ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއިދުކުރުމަށް އެއްބަނޑު އެއްބަފާ ބޭފުޅުންގެ ކައިރިން އެދިފައި ނުވާނެ ކަމަށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ އެސްއެސްޓީވީގެ "ރިޔާސީ ކެންޑިޑޭޓުންނާ އެކު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ އޭނާގެ ދެ ދައްތަ، ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫން އަދި ކޮއްކޮ ގައްސާން މައުމޫން ވެސް ކުރައްވަމުން ދަނީ ސިޔާސީ މަސައްކަތެއް ކަމަށެވެ.

އެހެންކަމުން، އެ ބޭފުޅުންގެ ތާއީދަށް ނޭދުނީ ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މީހުން ކުރަމުން އެ ދަނީ އެކި ގޮތްގޮތަށް ކުރާ ސިޔާސީ މަސައްކަތް އިނގޭތޯ. އެހެންވީމާ އެއްވެސް ހާލެއްގައި އޭގެ ތެރެއިން އެކަކު ކައިރީގައި ވެސް އަޅުގަނޑު ނުބުނަން އަޅުގަނޑަށް ތާއީދުކުރާށޭ. [އެއީ] އެ މީހުނަށް ދަތިތަކެއް ދިމާވެދާނެތީ" ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަށް ވުރެ، އޭނާގެ ގާތުގައި ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މަންމާފުޅު، ނަސްރީނާ އިބްރާހީމް އިސް ކަމަށެވެ. އެ ދެމަފިރިކަނބަލުންގެ ތާއީދު ފާރިސަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް އަޅުގަނޑުގެ ބައްޕަ އަރިހުގައި އަޅުގަނޑު ދެންނެވިން މި ކަމުގައި އަޅުގަނޑަށް ތާއީދު ކޮށްދެއްވާށޭ. [ބައްޕަ] ވިދާޅުވީ ރަނގަޅޭ، ތިކަން ކޮށްދެއްވާނަމޭ،"،

"ބައްޕަ ގަބޫލު ވެސް ކުރައްވާ އަޅުގަނޑަށް އެކަށީގެންވާ ޚިދުމަތެއް ދިވެހި ރައްޔިތުންނަށް ކޮށްދެވިދާނެ ކަމަށް" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ސިޔާސީ މަސައްކަތަށް ވުރެ އާއިލީ ގުޅުން އޭނާއަށް މުހިއްމު ކަމަށެވެ. އަދި، އެ މަސައްކަތުގެ ތެރެއިން އާއިލާގައި މައްސަލަތަކެއް ޖެހެން ބޭނުންނުވާ ކަމަށެވެ.

"އަދި ކޮންމެ ގޮތަކަށް ކުރިމަގު އޮތް ނަމަވެސް އަޅުގަނޑުމެންގެ އާއިލީ ގުޅުމަށް އެއްވެސް ދަތިކަމެއް، ލޮޅުމެއް ނާންނާނެ" އޭނާ ވިދާޅުވިއެވެ.

ފާރިސްގެ އެއްބަނޑު އެއްބަފާ ހުރިހާ ބޭފުޅުން ވެސް މި ރިޔާސީ އިންތިޚާބުގައި އެންޑޯސްކުރައްވާފައިވަނީ ތަފާތު ކެންޑިޑޭޓުންނެވެ.

ކޮއްކޯފުޅު، ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ހުންނެވީ، ޕީޕީއެމްގައި، އެ ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތުގައެވެ. ޕީޕީއެމްއިން 2019ވަނަ ރައީސް މައުމޫން ވަކިވެ ވަޑައިގެން، އާ ޕާޓީއެއް އުފެއްދެވި އިރުވެސް ގައްސާން ޕީޕީއެމްގައި މަޑުކުރެއްވިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މިހާރު ހުންނެވީ އަލަށް އުފެއްދި އެމްއެންޕީގެ ލީޑާޝިޕުގައެވެ. އޭނާ ތާއީދުކުރައްވަނީ އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ. ދުންޔާއަކީ ވެސް އެމްއާރްއެމްއާ ގުޅިވަޑައިނުގެން، މަޑުކުރެއްވި ބޭފުޅެކެވެ.

އެމްއާރްއެމްގައި އެންމެ ފަހުން ހުންނެވި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް