ދާރުލްއާސާރު ތަރައްގީ ކުރުމަށްފަހު އާންމުންނަށް ހުޅުވައިލައިފި

ގައުމީ ދާރުލްއާސާރު ---

ގައުމީ ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޚިދުމަތް ގާއިމުކުރުމަށް ކުރެވުނު މަސައްކަތަށްފަހު، އާންމުންނަށް މިއަދު ހުޅުވައިލައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ދާރުލްއާސާރު މިއަދުން ފެށިގެން އެ ތަން ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 03:30އަށް ކަމަށެވެ.

ގައުމީ ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޚިދުމަތް ގާއިމުކުރުމަށް ކުރެވުނު މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދައުލަތާއި އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ކުރެވުނު މަސައްކަތްތަކެކެވެ.

މި މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ދާރުލްއާސާރުގައި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި ދާރުލްއާސާރުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކުރެވިފައެވެ.

ގައުމީ ދާރުލްއާސާރު ---

ބޭންކް އޮފް މޯލްޑިވްސް އިން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން މި މަޝްރޫއުއަށް ދީފައިވަނީ ދެ މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

މި ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ ގައުމީ ދާރުލްއާސާރު އަދިވެސް އިތުރަށް ތަރައްޤީކޮށް، ޚިދުމަތްތައް އިތުރުކުރުމަށް ރޭވިފައިވާ ކަމަށާއި އަދި މި ފަހަރު މި ކުރެވުނު މަސައްކަތަށްފަހު ދާރުލްއާސާރު ހުޅުވާއިރު، ކުރިން ދާރުލްއާސާރުގައި ނެތް ބައެއް އާސާރުތައް ވެސް ހުންނާނެ ކަމަށެވެ.

comment ކޮމެންޓް