ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ދައުވާކޮށްފައިވާ މއ. ހަނީސަކްލް، ހުސައިން ޝިފާއު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާން ކުރި ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލާގައި ހައްޔަރު ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 28ގައެވެ.
އެހެން ނަމަވެސް، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މާޗު މަހުގެ 27ގައެވެ. ހަމަ އެދުވަހު ޕީޖީން އެމައްސަލަ އިސްތިއުނާފުކުރި ނަމަވެސް، އެ މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.
ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ކުރަން ޕީޖީން ވަނީ މިދިޔަ އޭޕްރީލް މަހު ވަނީ ހުށަހަޅައިފައެވެ.
ހުސައިން ޝިފާއުގެ މައްޗަށް ކުރަން ޕީޖީން ހުށަހެޅި ދައުވާތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ 310ވަނަ މާއްދާގެ ދަށުން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ޤާނޫނުލްޢުޤޫބާތުގެ 212ވަނަ މާއްދާގެ ދަށުން، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު 53ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާއެވެ.
މި ދަޢުވާތައް ޝިފާޢުގެ ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.