މުއިއްޒުގެ ވެރިކަމެއްގައި ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަނީ

ޑރ. މުއިއްޒު ދުވާފަރުގައި ވާހަކަ ދައްކަވަނީ --

(ރ. ދުވާފަރުން، ޢާލިމް އަބްދުއްލަތީފް)

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ތެރެއިން މި ދެބައި ވަކިކޮށް މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއަކާއި ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކުރައްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ދުވާފަރުގައި އޮތް ކެމްޕޭން ޖަލްސާގައި ވާޙަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު އެއް ސިނާއަތަކީ ދަނޑުވެރިކަން ކަމަށެވެ. އެއީ ރާއްޖޭގައި ވަަރަށް ފުރުސަތު އޮތްކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން އެ ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި އުފެއްދިދާނެ އެތައް ޕްރޮޑެކްޓެއް، ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދިދާނެ ޕްރޮޑެކްޓްތައް ވެސް އެބަހުރި،" މުއިއްޒު ވިދާޅުވިއެވެ.

އަމިއްލަ ފުދުންތެރި އިގްތިސޯދެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރެއިން ދަނޑުވެރިކަން މީގެ ކުރިން ފުޅާނުކުރާ މިންވަރަށް ފުޅާކުރުމަކީ އޭނާގެ ވިސްނުމެއް ކަމަށް ވެސް މުއިއްްޒު ވިދާޅުވިއެވެ.

މުއިއްޒު ދުވާފަރުގައި ވާހަކަ ދައްކަވަނީ --

ދަނޑުވެރިކަމަށް ފަހިވާގޮތަށް ލުއިލޯނާއި އެފަދަ އެތައް ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް ޓަކައި މަސްވެރިކަމަށް ވަކި ހާއްސަ މިނިސްޓްރީއަކާއި ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އޮތުން މުހިންމު ކަމަށެވެ.

"ފިޝަރީޒް އެންޑް އެގްރިކަލްޗާ ކިޔައިގެން އެއްވެސް ދާއިރާއަކަށް ކަމެއް ނުކޮށްދެވި ދާ ދިއުން ނިމުމަކަށް ގެނެސްދޭނަން،" މުއިއްޒު ވިދާޅުވިެއެވެ.

އޭގެ ސަބަބުން، ދަނޑުވެރިކަމުން ޒުވާނުންނަށް ވިޔަފާރިތައް ފަށައި ނަފާހޯދޭނެ މަގު ތަނަވަސްވާނެކަމަށާއި ވަޒީފާތައް ވެސް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް