މަދުވެގެން 100 ރަށަކުން ލެޕްރަސީ ނައްތައިލުމަށް އެއްބާރުލުން ދޭން އެދެފި

ލެޕްރަސީ ބަލި ތަހައްމަލް ކުރަމުން އަންނަ މީހެއްގެ އަތް --

މަދުވެގެން 100 ރަށުަކުން ލެޕްރަސީ ނައްތާލަން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއެކު، ރާއްޖެ "ޒީރޯ ލެޕްރަސީ" ގައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތްތައް 2019 ވަނަ އަހަރު ތެރޭގައި ފަށާފައިވާ ކަމަށާއި އަދި އެމަސައްކަތް ރާވާފައިވާ ގޮތުގެ މަތިން ކާމިޔާބު ވެއްޖެ ނަމަ، ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ލެޕްރަސީ ނައްތައިލެވޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ.

އެ އޭޖެންސީން ބުނީ ރާއްޖޭން މެލޭރިޔާއާއި، ފައިލޭރިޔާ ފަދަ ބަލިތައް ނައްތައިލެވިފައިވަނީ އާންމުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ކަމާ ގުޅުން ހުރި އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުމާ އެކު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ލެޕްރަސީ ނައްތައިލުމަށް ކަނޑައަޅާފައިވާ މި ޕްރޮގްރާމުގައި ފަރުދީ ގޮތުން އެންމެހާ ފަރާތްތަކުން އަމިއްލައަށް އިސްނަގައި ބައިވެރި ވެގެން ޕްރޮގްރާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 100އަށް ވުރެ ގިނަ ރަށްރަށަކީ ލެޕްރަސީ ނެތް ރަށް ތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް ވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.

ލެޕްރަސީގެ އަލާމާތްތައް

  • ބައްޔަށް ޓެސްޓްކޮށްގެން ޖަރާސީމު ހުރިކަން އެނގުން
  • ހަށިގަނޑުގެ ބައެއް ނާރުތައް ދުޅަވުން
  • ހަމުގައި ދަދު، ފެތުރި ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިހުސާސް ކެނޑިފައި ހުރުން

މި ބަލި ފެތުރެނީ ބަލި ޖެހިފައި ހުރިކަން ނޭނގިހުރެ، އަދި ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

ލެޕްރަސީއަކީ މައިކޯބެކްޓީއަލް ލެޕްރައި ކިޔާ މަޑުމަޑުން ބޮޑުވާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

މި ބަލި އާންމުގޮތެއްގައި ޖެހެނީ ހަމާއި ނާރުތަކަށާއި ނޭވާލުމުގެ ނިޒާމަށާއި އެތެރެހަށީގެ ބައެއް ގުނަވަންތަކަށެވެ.

ބަލީގެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމަށް ފަހު ބަލީގެ އަލާމާތްތައް ފެނުމަށް އާންމުގޮތެއްގައި ފަސް އަހަރު ވަރު ނަގައެވެ. ނަމަވެސް ބައެއް މީހުންނަށް އަލާމާތްތައް ފެނުމަށް އެއަށްވުރެ ދިގު މުއްސަތެއް ވެސް ނަގާފާނެއެވެ.

ބަލި ޖެހި، ގަވާއިދުން ފަރުވާ ކުރާ ނަމަ އެކުގައި އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ލެޕްރަސީ އަކީ ސަލާމް ކުރުމުންނާއި އެއްސުފުރާ މަތިން ކެއުމުންނާއި އަދި އެކުގައި ދަތުރު ކުރުން ފަދަ ކަންކަމުން ފެތުރޭ ބައްޔެއް ނޫނެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ލެޕްރަސީ ބަލީގެ ނުރައްކާތެރިކަން އެތައް ބަޔަކު ތަހައްމަލް ކުރިއެވެ. ނަމަވެސް 1982 ވަނަ އަހަރު ރާއްޖޭގައި ލެޕްރަސީ ބައްޔަށް ބޭސް ތައާރަފްކޮށް ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއެކު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދައްވެގެން ދިޔައެވެ.

ހަމަމިއާއެކު، 1997 އަހަރު ލެޕްރަސީއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ނުރައްކަލެއް ނޫން ކަމުގައި ކަނޑައެޅިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2021 ވަނަ އަހަރު މުޅި ދުނިޔޭގައި 140546 އައު ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ބަލި ޖެހިގެން ހަށިގަނޑުގެ އެކި ގުނަވަންތައް އައިބުވެފައިވާ 8،490 މީހުން ރިޕޯޓް ކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް