ޑިމޮކްރެޓްސް އިން ކުރި ދަތުރުތަކުން އެނގުނީ ތާއިދު އޮތީ ރައީސަށްކަން: ޝިޔާން

އދ. އޮމަދޫގައި އޮތް ކެންޕޭން ޖަލްސާގައި ޝިޔާން ވާހަކަދައްކަވަނީ --- ސަން ފޮޓޯ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަ ޑިމޮކްރެޓްސް އިން ކުރި ކެމްޕޭން ދަތުރުތަކުން ރައްޔިތުންގެ ތާއިދު އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަން އެނގުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އދ. އޮމަދޫގައި މިއަދު ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރައީސް މުހައްމަދު ޞާލިހު ހިންގެވި ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ގަބޫލުކޮށްފި ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކަށް 'ދަ ޑިމޮކްރެޓްސް' ހަދައިގެން މިކުރި ދަތުރުން ސާފުވި ކަމަކީ، އަޅުގަނޑުމެން އޭރު ބޭނުންވި ގުރައުންޑަކަށް އެމްޑީޕީ އެއް ނުގެންދެވުނު،،" ޝިޔާން ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީފިނަމަ މިހާރު ކޮށްދެއްވާފައިހުރި މަސައްކަތުގެ ދެ ގުނަ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.

"މީގެ 50 އަހަރު 60 އަހަރުން މި ރާއްޖޭގަ ނުވި ތަރައްގީ މި ދަތި ފަސް އަހަރު ކޮވިޑްގެ ދެ އަހަރާއި އެކީގަ މި ފަސް އަހަރު އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ އިތުރުން ތިބޭފުޅުން ބައްލަވާ އޮމަދޫއަށް ވެސް. ރައިސުލްޖުމްހޫރިއްޔާ މި ރަށަށް ވެވަޑައިގަތް ވައުދުތަކުގެ އިތުރުން ކިތައް ކަންތައް މި ރަށަށް ވެއްޖެތޯ. އަދި ކުރިއަށް ކިތައް ކަންތައް އެބައޮތްތޯ." ޝިޔާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެސްއެމްއީ ބޭންކުން ދޫކުރި ލުއި ލޯނު މެދުވެރިކޮށް ރަށުގަ ތިބެގެން ފަސޭހަ ކަމާއެކު ޒުވާނުންނަށް ގެސްޓު ހައުސް ވިޔަފާރިތަކާއި އެހެނިހެން ވިޔަފާރިތައް ކުރެވޭނެ ގޮތް ފަހިކޮށްދިނީ މި ސަރުކާރުން ކަމަށެވެ.

ޝިޔާންގެ ވާހަކައިގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ރަށްތައް ވެސް ވިއްކާލާނެ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ހުންނަވައިގެން އެ އޮތީ އަކަފޫޓުން ވިއްކާ ހުސްކޮށްފަ. މި ރަށްރަށް މުއިއްޒު ވެރި ކަމަށް އައިއްސަ ވިއްކާނެ،" ޝިޔާން ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާ ދެއްވާނެ ވެރިއެއްކަމަށެވެ.

އޮމަދޫ ބަނދަރު ހެދުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. ޝަރީފް ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމާފަ ނޫނީ އެތަކެތި އެރަށުން ނުގެންދާނެ ކަމަށެވެ.

comment ކޮމެންޓް