ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭ ކަމަށް ބުނެ ހުށަހެޅި ޝަކުވާ އީސީން ބަލަނީ

'ސަން ރިޕޯޓަރު' ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަދައްކަވަނީ-- ސަން ފޮޓޯ

ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު 'ސަން' އަށް ވިދާޅުވީ، އެ މައްސަލަ ތިން ޕާޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީންނެވެ.

ހަބީބް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާއެކު މިހާރު ލަފާ ދޭ ކޮމިޓީގައި އެކަން ބެލުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި މައްސަލައަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ އަމަލެކެވެ. އެހެންކަމުން މި މައްސަލަ، ލަފާ ދޭ ކޮމިޓީން ބެލިހާ އަވަހަކަށް އެ ނިންމުން އަންގަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

'ސަން ރިޕޯޓަރު' ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަދައްކަވަނީ-- ސަން ފޮޓޯ

'ސަން ރިޕޯޓަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިއްޔެ ހަބީބް ވިދާޅުވީ މިހާތަނަށް އައި އިރު ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 18 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ޝަކުވާއެއް ބެލުމަށް ފަހު މިހާރު އެއަށް ޖަވާބު ދީފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އެއީ ވޯޓުލުމާ ގުޅުން ހުރި ޝަކުވާއަކާ ރެޖިސްޓްރޭޝަނާ ގުޅުން ހުރި ޝަކުވާއެއް." ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ގިނަ ފަހަރަށް އިންތިޚާބާ ގުޅުން ހުރި ޝަކުވާތައް ފެންނަމުންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ޝަކުވާ ހުށަހަޅަން އުފައްދާފައިވާ ކޮމްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހެޅުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.

ޝަކުވާ ހުށަހެޅުމުން ވަގުތުން ޖަވާބު ދެވޭ ފަދަ ޝަކުވާތަކަށް ވަގުތުން ޖަވާބު ދޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

"ކޮމްލެއިންޓްސް ބިއުރޯ އުފެއްދި ފަހުން މިހާރު އެއް މަސް މިވަނީ. އަދި މިހާތަނަށް 18 ވަރަކަށް ޝަކުވާ އައީމަ އެއީ ވަރަށް މަދު އަދަދެކޭ ދެންނެވޭނީ،" ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އެންމެ 11 ދުވަހަށް ވެފައިވާއިރު މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަސް ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓަކު ހިމެނެއެވެ. އަދި އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް