ވެގްނާ ގުރޫޕުގެ ލީޑަރުގެ މަރުގެ ފަހަތުގައި ރަޝިއާ ސަރުކާރު ވާކަމުގެ އެއްވެސް ހެއްކެއްނެތް: ވައިޓް ހައުސް

ވައިޓް ހައުސްގެ ތަރުޖަމާނު ކަރީން ޖޯން ޕިއާ

ވޮޝިންޓަން (29 އޮގަސްޓް 2023): ރަޝިއާ ސަރުކާރާ ދެކޮޅަށް ދާދި ފަހުން ބަޣާވަތުގެ ބޮޑު ހަރަކާތްތަކެއް ހިންގި އެގައުމުގެ ކުލީ ސިފައިންގެ ޖަމާއަތްކަމަށްވާ ވެގްނާ ގުރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިންގެ މަރާމެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވި ބަޔާނާ ޚިލާފަށް ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން ޕިއާ ވާހަކަ ދައްކަވައިފިއެވެ.

ޕިއާ ވިދާޅުވީ ޕްރިގޯޒިން މަރުވީ ރަޝިއާ ސިފައިންގެ ހަމަލާއެއްގައިކަން ނޫނީ އެއީ ރަޝިއާ ސަރުކާރު އަޑީގައި އޮވެގެން ހިންގި ސިއްރު އަމަލެއްގެ ސަބަބުންކަން ބުނަން ދަތިކަމަށެވެ. އެގޮތަށް ބުނެވެންނެތީ އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމުންކަމަށް ޕިއާ ވިދާޅުވިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޕިއާ މިހެން ވިދާޅުވިނަމަވެސް ޕްރިގޯޒިން ދަތުރުކުރެއްވި ބޯޓު ވެއްޓި އޭނާ މަރުވިކަން ކަށަވަރުވުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އެބޯޓު ވެއްޓުމުގެ ފަހަތުގައިވަނީ ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންކަން ނުސީދާގޮތެއްގައި ދޭހަވާ ގޮތަކަށް ބަޔާނެއް ދެއްވާފައެވެ.

މިގޮތުން ޕްރިގޯޒިން މަރުވެފައިމިވަނީ ޕޫޓިންއާ އިދިކޮޅަށް ނުކުންނެވި ރަޝިއާގެ އިދިކޮޅު ލީޑަރުން އަވަހާރަވި ފަދަ ގޮތްނޭނގޭ ގޮތަކަށްކަމަށާއި ޕްރިގޯޒިން މިފަދަ ގޮތަކަށް މަރުވެދާނެކަމަށް ކުރިންވެސް ބެލެވުނުކަމަށާއި މިއީ ހައިރާންވާން ޖެހޭކަމެއް ނޫންކަމަށް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސްގެ މިބަޔާނަކީ ޑިޕްލޮމެޓިކް އުސޫލުން ބޭރުވެ ވަރަށް ހުތުރު ގޮތަކަށް ދެއްވި ބަޔާނެއްކަމަށް ރަޝިއާގެ ޚާރިޖިއްޔާއިން ތުހުމަތު ކުރުމުން ވައިޓް ހައުސް އިންވަނީ ޕްރިގޯޒިންގެ މަރުގެ ފަހަތުގައިވަނީ ޕޫޓިންކަމަށް ބައިޑެން ވިދާޅުވެފައިނުވާ ކަމަށްބުނެ މަސްރަހު ފިނިކުރަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެމެރިކާ ސަރުކާރުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ޚަބަރު ފަތުރާ އެމެރިކާގެ ޕްރައިވެޓް މިޑިއާ ތަކުން ޕްރިގޯޒިންގެ މަރުގެ ފަހަތުގައިވަނީ ޕޫޓިންކަން ދޭހަވާފަދަ ގޮތަކަށް އަދިވެސް ޚަބަރުތައް ފަތުރަމުން އެބަގެންދެއެވެ. ނަމަވެސް ވައިޓް ހައުސްއިން މިހާރު މިވަނީ ޕްރިގޯޒިންގެ މަރުގެ ހާދިސާއަކީ ރަޝިއާ ސިފައިންގެ ހަމަލާއެއްކަން ނޫނީ އެއީ ރަޝިއާ ސަރުކާރު އަޑީގައި އޮވެގެން ހިންގި ސިއްރު އަމަލެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް ބުނެފައެވެ.

comment ކޮމެންޓް