ބާޒާރުން އޮރެންޖު ލިބުން ދަތިވެ، ކޭހެއްގެ އަގު 300 ޕަސެންޓް އުފުލިއްޖެ

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮރެންޖު ލިބުން ދަތިވެ, މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

މިމަސް ފެށުނު އިރު އޮރެންޖުގެ އަގު 2.50 ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގައި ހުރި އިރު ފާއިތުވި ހަފުތާއިން ފެށިގެން އެ އަގު އުފުލެމުން އައިސް މިހާރުގެ އަގުތައް އުޅެނީ ނުވަ ރުފިޔާ އާއި 14 ރުފިއާ ދެމެދުގައެވެ. އަދި މީގެ ތިން ހަފުތާ ކުރިން އޮރެންޖު ކޭހެއް ހޯލް ސޭލްކޮށް ވިއްކަމުން އައީ 160 ރުފިޔާ އަށެވެ. ނަމަވެސް، މި ހަފުތާގައި ކޭހެއްގެ ހޯލް ސޭލް އަގަކީ 800 ރުފިޔާއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ އެތެރެކުރާ އެއް ފިހާރައިގެ ވެރިއަކު، "ސަން"އަށް ވިދާޅުވީ އޮރެންޖުގެ އަގު އުފުލުނީ ބޭރުން މޭވާ ގެންނަ ބޯޓު ފަހަރު، ކޮންމެވެސް ސަބަބަކާ ހުރެ އައުން ލަސް ވާތީ ކަމަށެވެ.

"އާފަލާއި އޮރެންޖު ގެންނަ ހުރިހާ ބޯޓެއް އެއްފަހަރާ ލަސްވެގެން މި އުޅެނީ. ނަމަވެސް ފެށޭ މަސް ތެރޭ ބޯޓުތައް އަންނަން ފެށީމަ މިއެއްޗެހި އަގުހެޔޮ ވާނެ،" އޮފިޝަލް ވިދާޅުވިއެވެ.

އެއްގަމުގެ ގިނަ ފިހާރަތަކުގައި އޮރެންޖު ނެތްއިރު މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރީންގެ މާރުކޭޓުގައި އޮރެންޖު ހުރީ ނިސްބަތުން ވަރަށް މަދު ގޮޅިއެއްގައެވެ.

އެތަނުގައި ގޮޅި ހިންގާ ވިޔަފާރިވެރިއަކު މި ނޫހަށް ބުނިގޮތުގައި އޮރެންޖުގެ އަގު ބޮޑުވެފައި ވަނީ ހޯލްސޭލަރުން އަތުން ބޭނުންވާ ވަރަށް ނުލިބޭތީއެވެ.

"އަޅުގަނޑަކީ ރިސޯޓް ސަޕްލައި ކުރާ މީހެއް. ދިވެހިންނަށް އެކަންޏެއް ނޫން، ރިސޯޓްތަކަށް ކޭޓާ ކޮށްދޭ ވަރަށް ވެސް އޮރެންޖު ނުލިބިގެން މި އުޅެނީ،" އޭނާ ބުންޏެވެ.

އޮރެންޖުގެ އަގު ބޮޑުވި އިރު ބާޒާރުގައި އާފަލުގެ އަގުވެސް ވަނީ މަތިވެފައެވެ. އެގޮތުން މާރުކޭޓުގައި ދެ ވައްތަރުގެ އާފަލު އުޅެނީ ހަތް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގައެވެ.

އޮރެންޖާއި އާފަލަކީ ދިވެހީންގެ ތެރޭގައި އަބަދުވެސް ވަރަށް މަގުބޫލު ދެ މޭވާއެވެ.

comment ކޮމެންޓް