ތަސައްވަރެއް ނެތް ވެރިޔަކު ރައްޔިތުންނާ އެކު ދާނީ އޮޔާ: އަމީން

އަމީން އިބްރާހީމް --- ފޮޓޯ: މުހައްމަދު ސާތިއު

ދުރު ނުފެންނަ، ތަސައްވަރެއް ނެތް ވެރިޔަކު ރައްޔިތުންނާ އެކު އޮޔާ ދާނެ ކަމަށާއި، ވެރިއެއްގެ ގޮތުގައި ކޮންމެ ކޮންމެ މީހަކު ހޮވައިފި ނަމަ ގައުމުގެ ދުވަސް ހިނގައިދާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ގާސިމް އިބްރާހީމްގެ ރަނިން މޭޓު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖެޕީން މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ލ. އިސްދުއަށް ވަޑައިގެން ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ގައުމެއްގެ ވެރިއަކު ހޮވަން ކުރާ މަސައްކަތަކީ އާދައިގެ ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ހީވެފައިވީ ނަމަވެސް، އެ މަސައްކަތަކީ ކުރިއަށް އޮތް ޖީލު ކަނޑަޅައި ޅަދަރީންގެ މުސްތަގުބަލު ބިނާ ކުރާނެ މީހަކު ހޮވުން ކަމަށެވެ.

އަދި, އެ ބޭފުޅަކީ ދުރު ވިސްނުމާއި ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅަކަށް ވާން ޖެހޭކަން އަމީން ފާހަގަ ކުރެއްވިއެވެ. އަމީން ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް އެ ބޭފުޅަކަށް ނުފެންނަ ކަމުގައި ވަނީ ނަމަ ގައުމާއި ރައްޔިތުން އޮޔާ ހިނގައިދާނެ ކަމަށެވެ.

ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅަކަށް އާންމު ރައްޔިތުންނަށް ފެންނަ ވަރަށް ވުރެ ދުރު ފެންނަން ޖެހޭ. އޭނާގެ ރާޑަރަށް ހުރިހާ އުނދަގުލަކާއި ނައްޓަން ޖެހޭ ފަރަކާއި އަޅަން ޖެހޭ ގޯޅިތަކާ ހުރިހާ އެއްޗެއް ރާޑަރަށް އަރަން ޖެހޭ. ރާޑަރުގައި މައްސަލަ ޖެހިފައި ހުރިނަމަ ގައުމު ގޮސް އަރާނީ ފަރަށް، ޑރ. އަމީން އިބްރާހީމް

މީގެ އިތުރުން އަމީން ވިދާޅުވީ ވެރިޔަކު އިޚުތިޔާރު ކުރާއިރު ރައްޔިތުން ވަރަށް ރަނގަޅަށް ހިސާބު ޖަހަން ޖެހޭ ކަމަށެވެ. އެ ބޭފުޅަކީ ގާބިލު، ތަޖުރިބާ ހުރި ބޭފުޅެއްތޯ އާއި، މާޒީގައި އަމަލުކުރައްވާފައިވާ ކަންކަމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އަމަލު ކުރެއްވި ގޮތާ ވިސްނުމާ ފިކުރު ހުރި ގޮތް ރަނގަޅަށް ބަލައި ހޯދަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

އަދުގެ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އަމީން ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެފައިވާ ކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ގާސިމް އިބްރާހީމަކީ ދަރަނި މެނޭޖު ކުރުމާއި، ގައުމުގެ ރިސޯސް މެނޭޖު ކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ.

އަދި، ގައުމާއި ރައްޔިތުންނާ ގުޅޭ މައްސަލަތަކުގައި ގާސިމަށް ވުރެ ތަޖުރިބާ ކާރު އިތުރު ބޭފުޅަކު ނުހުންނަވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް