ކުޑުސް، ވެސްޓް ހާމްއާ ގުޅެން އުޅޭކަމުގެ އިޝާރާތެއް

އަޔެކްސްގެ ގާނާ ފޯވަޑް މުހައްމަދު ކުޑުސް -- ފޮޓޯ/ ގެޓީ

އަޔެކްސްގެ ގާނާ ފޯވަޑް މުހައްމަދު ކުޑުސް، ވެސްޓް ހާމް ޔުނައިޓެޑާ ގުޅެން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.

ޔޫރޮޕާ ލީގުގެ ކޮލިފައިންގެ ފުރަތަމަ ލެގުގައި އަޔެކްސްގެ ކުޑުސް ވަނީ ލުޑޮގޮރެޓްސް ކޮޅަށް ހެޓްރިކެއް ހަދައިފައެވެ. ދެވަނަ ލެގު މެޗުގައި ވެސް ކުޑުސް ފެންނާނެ ކަމަށް އަޔެކްސްގެ ކޯޗު މައުރީސް ސްޓެއިން ބުނެފައިވީ ނަމަވެސް، ކުޑުސް ބުނާގޮތުގައި ދެން އަޔެކްސް އިން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެއާއެކު ވެސްޓް ހާމުން އޭނާ ހޯދުމަށް ކުރާ މަސައްކަތަށް ވަނީ އުންމީދެއް ލިބިފައެވެ.

"އަހަރެންނަށް ހީވަނީ މިއީ އަޔެކްސްގެ ޖާޒީގައި އަހަރެން ކުޅޭނެ ފަހު މެޗުހެން. ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި ވާނެގޮތެއް ބަލަން ޖެހޭނީ. މަޝްވަރާތައް ކުރިއަށް އެބަދޭ. ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެއްބަސްވުމަކަށް ދެވޭތޯ ބަލަން ޖެހޭނީ،" މެޗަށްފަހު ވާހަކަދައްކަމުން ކުޑުސް ބުންޏެވެ.

ވެސްޓް ހާމްއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ވެސް ކުޑުސް ބުނީ، އެއީ ފެންވަރު ރަނގަޅު ކްލަބެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލުމަށްފަހު، ކުޑުސް މިހާރު މަސައްކަތްކުރަމުންދަނީ ވެސްޓް ހާމްއާ ގުޅުމަށެވެ. ވެސްޓް ހާމުން ވަނީ އޭނާއަށް 38 މިލިއަން ޕައުންޑް (49 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހަޅައިފައެވެ. ވެސްޓް ހާމްއާ އޭނާ ގުޅޭނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 23 އަހަރުގެ ކުޑުސް، އަޔެކްސްއާ ގުޅުނީ 2020 ވަނަ އަހަރުއެވެ. ކުޑުސްގެ ކުޅުން ފާހަގަވެ، މީގެ ކުރިން ވެސް ބޮޑެތި ކްލަބުތަކަކުން އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

comment ކޮމެންޓް