މިއަދު ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުޖުތަމައުއިން ދަރިންނަށް ހެޔޮ ނަމޫނާ ނުފެނުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ރިވެތި ނަމޫނާއިން ތަރުބިއްޔަތު ދިނުމަކީ ނަސޭހަތުން ތަރުބިއްޔަތު ދިނުމަށް ވުރެ އެތައް ގުނައެއް މޮޅު ކަމެއް ކަމަށެވެ. އަދި، ހުރިހާ ކަމެއްގެ ވެސް އަސާސަކީ ނަމޫނާ ކަމަށާއި ބަހާއި އަމަލު ސީދާވާން ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ރަސޫލާގެ އަމަލުފުޅުތަކުން މިސާލު ނަންގަވާ ޚުތުބާގައި ބުނީ، ކީރިތި ރަސޫލާ އަކީ ޚާދިމުންނާއި ނޯކަރުންނާ މުއާމަލާތު ކުރެއްވުމުގައި ވެސް ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި އެފަދަ މީހުންނާ ރަސޫލާ މުއާމަލާތުކުރައްވާފައި ވަނީ، އޯގާތެރިކަމާއި ނިޔަނެތި ކަމާ އެކު ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ރަސޫލާ ވަނީ ޚާދިމުންނާއި އެހީތެރިންނާއި މުވައްޒަފުންނާ މުއާމަލާތު ކުރާއިރު ތަބާވާނެ އަޚްލާގީ މިންގަނޑެއް ހާމަކޮށްދެއްވާފައި ކަމަށެވެ.
"ރަނގަޅު ނަމޫނާ ފެނުމަކީ އެކަކުންނަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެއް. މުޖުތަމައުއަށް ހެޔޮ ބަދަލު ގެނެވޭނީ ހެޔޮ ނަމޫނާއިން،" ޚުތުބާގައި ބުންޏެވެ.
މުޖުތަމައުގެ ފަރުދުން ކިތަންމެ ރަނގަޅު ވިއަސް އެމީހުން ވެސް ތަބާވާންޖެހޭ ދިރިހުރި ނަމޫނާތަކެއް ވާކަން ހާމަކޮށް ޚުތުބާގައި ބުނީ، އިސްލާމީ އަގުތަކާއި އަޚުލާގާއި ހުކުމްތަކާ މީސްތަކުން ދުރުވަމުން ދިޔަ ވަރަކަށް ރަނގަޅު ނަމޫނާއަށް ބޭނުންވާ މިންވަރު ބޮޑުވާނެކަމަށެވެ.
ޚުތުބާގައި ބުނީ، ވެރީންނާއި، މައިންބަފައިންނާއި، މުދައްރިސުންނާއި، މުރައްބީންނަކީ ހެޔޮ ނަމޫނާއަކަށް ވާން ޖެހޭކަމަށެވެ. އެގޮތުން ގޭތެރެއިން ދަރިންނަށް ހެޔޮ ނަމޫނާ ނުފެނިއްޖެ ނަމަ އެމީހުން ވާނީ ހަލާކު ކުރުވަނިވި ހަތިޔާރަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.
"މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެނިއްޖެ ނަމަ އެކުދިންނަށް ލިބޭނީ ފާސިދު ތަރުބިއްޔަތެވެ. އެކުދިންނަށް ކިޔަވައިދޭ ތަކެއްޗާ އެއްގޮތައް އެދުރުން އަމަލު ނުކުރާ ނަމަ އެކުދިން ބޮޑު ވާނީ ކަތި ބިންގަލެއްގެ މަތީގައެވެ،" ޚުތުބާގައި ބުންޏެވެ.