ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އަޅައިދޭނަން: މުއިއްޒު

ޑރ. މުއިއްޒު ވެލިދޫގައި ވާހަކަ ދައްކަވަނީ --

(ނ. ވެލިދޫއިން، ޢާލިމް އަބްދުއްލަތީފް)

ނ. ވެލިދޫ ކައިރީގައި އޮންނަ، ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ވެލިދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ރަށަކީ އަދި މި އަތޮޅަކީ ޓޫރިޒަމްގައި ވަރަށް ކުރިއަރައިގެންގޮސްފައިވާ އަތޮޅެއް ކަމަށެވެ.

ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށާއި އަދި ޓޫރިސްޓު ރިސޯޓުތައް މި އަތޮޅުގައި ގިނަކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޖޯގްރަފިކަލީ ބަލާއިރު އެއާޕޯޓެއް މި ސަރަހައްދުގައި ގާއިމުކުރުމަކީ މުުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ޓޫރިޒަމަށް ދޫކޮށްފައިވާ، މި ރަށް ކައިރީގައި އޮތް ވިހަފަރުގައި އެއާޕޯޓެއް ގާއިމުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައި އޮތުމުން އެ ކަމަށް ހުރަސް އެބައޮތް ކަމަށާއި ނަމަވެސް އެ ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވެލިދޫގައި --

މި ރަށުގައި އިގްތިސޯދީ މަސައްކަތްކުރާނެ ހާއްސަ ސަރަހައްދެއް ގާއިމުކުރައްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓްރެވަލް އޭޖެންސީތަކާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު ތައާރަފްކުރެއްވުމަކީ އޭނާގެ ސިޔާސަތުގައި ހިމެނޭކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އޭގެ ސަބަބުން ބޭރުގެ ޓްރެވަލް އޭޖެންސީތައް ރަޖިސްޓްރީކުރުމާއި ރާއްޖޭގެ އޭޖެންސީތައް ކުރިއެރުވުމުގެ ފުރުސަތު ވެސް ފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް