އިންތިޚާބުގެ ނަތީޖާ ވަނީ ވޯޓު ލާނެ ގޮތެއް އަދި ނުނިންމާ ތިބި މީހުންގެ އަތްމަތީގައި

ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން / ފޮޓޯ: އިލެކްޝަންސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ ވޯޓުލާނެ ގޮތެއް އަދި ނުނިންމާ ތިބި ފަރާތްތަކުގެ އަތްމަތީގައި ކަމަށް ރާއްޖޭގެ ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ އިން ކުރިއަށް ގެންދިޔަ ޕޯލްއަކުން ދައްކައިފިއެވެ.

އިންތިހާބު ބާއްވަން އެންމެ ތިން ހަފްތާއަށް ވެފައިވާއިރުވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 53 އިންސައްތަ މީހުން އަދި ވޯޓުލާނެ ގޮތެއް ނިންމާ ފައި ނުވާ ކަމަށް މި ޕޯލް އިން ދައްކައެވެ. މިއީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަން އިއުލާން ކުރުމަށްފަހު އަދިކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުން ބާނިން ހަދާފައިވާ ޕޯލްއެކެވެ.

ބާނިގެ ޕޯލް ތަކުން ދައްކާ ގޮތުގައި ވޯޓުލާ ދުވަސް ކައިރިވާ ވަރަކަށް ރާއްޖޭގެ ވޯޓުލާ އާބާދީގެ ގޮތެއް ނުނިންމާ ތިބި ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ހިނގާ އޮގަސްޓް މަހު ވަކިގޮތެއް ނުނިންމާ 53 އިންސައްތަ މީހުން ތިބި އިރު، މިއަދަދަކީ އެޕްރީލް މަހު ޕޯލް ހަދަން ފެށި އިރާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. އެޕްރީލް މަހު މި އަދަދު ހުރީ 42 އިންސައްތައިގައެވެ.

އެހެން ޤައުމުތަކުގައި ހަދާ މި ފަދަ ޕޮލްތަކާ އަޅާ ބަލާއިރު ރާއްޖޭގެ ގޮތެއް ނުނިންމާކަމަށް ބުނާ މީހުންގެ އަދަދު މަތި ވުމުގެ ސަބަބުން، ހަމައެކަނި މި ފޯލްގެ ނަތިޖާއަށް ބަލާފައި އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތް ލަފާ ކުރަން ދަތި ކަމަށް ބާނިން ބުނެއެވެ.

ބާނިން ބުނީ ޕޯލް ހަދަން ފެށީއްސުރެއް އެންމެ ކުރީގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މި މަހު ވެސް ކުރި ހޯއްދަވާފައިވާ ކަމަށެވެ. އޮގަސްޓް މަހު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 21 ޕަސެންޓެވެ. މިއީ މިހާތަނަށް ރައީސް ސޯލިހަށް އެންމެ މަތިން ލިބިވަޑައިގެންނެވި އަދަދެވެ. ޖުލައި މަހު އެމަނިކުފާނަށް ލިބިވަޑައިގަތީ 19 ޕަސެންޓެވެ.

ބާނީގެ އޮގަސްޓް މަހުގެ ޕޯލް

މި މަހުގެ ޕޯލްއިން ދައްކާ ގޮތުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިޒްއަށް ލިބިވަޑައިގެންފައިވަނީ 14 ޕަސެންޓެވެ. މީގެން ދައްކައިދެނީ ރައީސް ޔާމިންއަށް އޮތް ސަޕޯޓުގެ ބޮޑު މިންވަރެއް ޑރ. މުއިޒަށް ބަދަލުވެފައިވާކަން ކަމަށް ބާނިން ބުނެއެވެ.

ތާއީދު ކުރާ ކެނޑިޑޭޓު ވޯޓު ކަރުދާހުގައި ނެތް ކަމަށް ފާހަގަ ކުރީ އެއް ޕަސެންޓް މީހުންނެވެ.

ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ ދެ ޕަސެންޓެވެ. އިންތިހާބުގައި ހިމެނޭ އެހެން ކެންޑިޑޭޓުންކަމުގައިވާ އުމަރު ނަޞީރު، ހަސަން ޒަމީލް، ޤާސިމް އިބްރާހިމް އަދި މުހަންމަދު ނާޒިމަށް ލިބިވަޑައިގެންފައިވަނީ އެއް ޕަސެންޓެވެ.

ކުރިއަށް އޮތް އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންނަށްވެސް ލިބޭ ސަޕޯޓު މި ޕޯލް އިން ދައްކާފައިވާ އަދަދުތަކަށްވުރެއް އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި އެއީ މި ޕޯލްގައި އަދި ގޮތެއް ނުނިންމާ ތިބިކަމަށް ފާހަގަ ކުރި 53 ޕަސެންޓް މީހުންގެ ވޯޓު ކެންޑިޑޭޓުންގެ ތެރޭގައި ބެހިގެންދާނެތީ ކަމަށް ބާނިން ބުނެއެވެ. ނަމަވެސް އެމީހުން ވޯޓުދޭނެ ވަކި ގޮތެއް ލަފާކުރަން ދަތި ކަމަށް ވެސް ބާނިން ބުނެއެވެ.

ބާނިން އެންމެ ފަހުން ނެރުނު ޕޯލް ހަދާފައިވަނީ މުޅި ރާއްޖޭގެ ވޯޓުލާ އާބާދީ ރަމްޒުވާނޭހެން 95 ޕަސެންޓް ކޮންފިޑެންސް ލެވަލްއަކާއި 5 ޕަސެންޓް މާޖިން އޮފް އެރާ އަކާއެކުއެވެ.

އޭ މާނައަކީ މި ސާވޭ އެކި ފަހަރު މަތިން، މި މުއްދަތުގެ ތެރޭގައި، ހެދިކަމުގައިވީ ނަމަވެސް، 95 ޕަސެންޓް ފަހަރު ނަތީޖާތައް ލިބިގެންދާނީ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދަތުކުގެ 5 ޕަސެންޓް ތެރެއިންނެވެ. މީގެ އިތުރުން, މި ޕޯލްގެ ބައިވެރިން ހޮވުނީ "ރެންޑަމް ސާމްޕްލިން މެތަޑް" އެއް ބޭނުންކޮށްގެން ކަމަށް ވެސް ބާނިން ބުނެއެވެ.

comment ކޮމެންޓް