ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ރެޕް ލަވަކިޔުންތެރިޔާ, އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު)ގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ނިންމައިފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ފެނުނު އެ މައްސަލަތަކާ ގުޅިގެން ޕެސްޓްގެ މައްޗަށް އުފުލާފައިވަނީ, ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ޕެސްޓްގެ އިތުރުން އެ މައްސަލަތަކާއި ގުޅިގެން ދައުވާ އުފުލި އަނެއް ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެއީ މުހައްމަދު ސުއައިދު އާއި އަހްމަދު ހުސާމް (ޖަހުލު)ގެ އިތުރުން އަހުމަދު ޝަމްއޫންއެވެ.
އެ މައްސަލައާ ގުޅިގެން ޕެސްޓް ހައްޔަރުކުރި އިރު އޭނާގެ އަތުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޖީބުގައި އޮތް ވޮލެޓް ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި ހަތަރު ޕެކެޓް ފެނުނު ނަމަވެސް އެ ތަކެތި ޓްރެފިކިންގެ މިންގަނޑަށް ނާރާ ކަމަށް މައްސަލަ ނިންމަމުން ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވިއެވެ.
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު އެ މައްސަލައިގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ ޕެސްޓް އާއި އޭނާގެ އެކުވެރިން އުޅުނު ކަމަށް ބުނާ އެޕާޓްމެންޓުންނެވެ. ނަމަވެސް، އެތަކެތިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާއިރު، ފިންގާ ޕްރިންޓް ފެނިފައިވަނީ އެތަނުގައި ހުރި އެންމެ ފޮއްޓަކުން ކަމަށް ދައުލަތުން އޮތީ ބުނެފައެވެ.
އެ ފޮށިން ވެސް ފެނިފައިވަނީ ޕެސްޓްގެ އެންމެ އިނގިއްޔެއްގެ ފިންގާ ޕްރިންޓެވެ. އަދި އެ ގެ އަކީ ޕެސްޓް ނޫން އެހެން މީހުން ވެސް ދިރިއުޅޭ އަދި ވަދެ ނިކުމެ އުޅޭ ގެއެއް ކަމަށް ދިފާއުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ފޮށީގައި އެހެން މީހުންގެ ފިންގާ ޕްރިންޓް ހުރިއިރު ފުލުހުން އެއީ ކޮންބައެއްކަން ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ދިފާއުން ވަނީ ބުނެފައެވެ.
ޓްރެފިކިންގެ މިންގަނޑަށް ދެން ޑްރަގް ފެނިފައިވަނީ އެ ގެއިން ނެރެގެން ބޯޓަކަށް އެރުވި ފަންކާއެއްގެ ތެރެއިންނެވެ. ނަމަވެސް އެ ފަންކާ ފުލުހުން ގޮސް ނަގާފައިވަނީ ބޯޓަށް އެރުވިތާ 24 ގަޑިއިރު ފަހުން ކަން އެނގޭ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން އެ ފަންކާއަށް އެހެން ބަޔަކަށް އެކްސެސް ވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދައުލަތުން ހުށަހަޅާފަައިވާ ހެއްކާއި، ގަރީނާއިން ޕެސްޓް އާއި އޭނާގެ އެކުވެރިންގެ މައްޗަށް އެ މައްސަލަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ނުވާ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.