ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދެނީ

ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން ރުކެއް އިންދަނީ --

ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދޭން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީ އިން ބުނެފިއެވެ.

ރުކުގެ އައު ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ "ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމް" ށ. ގޮއިދޫގައި މިއަދު ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރުއް އާލާކުރުމުގެ ޕްރޮގްރާމް މިވަގުތު ކުރިއަށް ގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށެވެ. ނަމަވެސް ކުރިއަަށް އޮތް އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ފަޅުރަށްރަށުގައި ވެސް ރުއް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ސްރީލަން އިން އަހަރަކު ރާއްޖެއަށް 50،000 ރުއް ހިލޭ ދިނުމަށް އެގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ރަނގަޅު މަތިވަރު ލިބޭ ރުއް ރާއްޖެއަށް ލިބެން އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިހާރު ކުރަންއޮތް ކަމަކީ ރާއްޖޭގެ ބިމުގައި ތަރުތީބުން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ރުއް ހައްދާ އުސޫލުން އެ ރުއްތައް ހައްދަން ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިފަހަރު އިންދާ ރުއްތަކުން ކާށި، އަދި ކުރުނބާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަން ފާހަކަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ރުއްތަކުން އަހަރަކު 12، ނުވަތަ 13 އިހާ ކުރުނބާ އަޅާނެކަމަށެވެ. އަދި އެއިން އިހަލެއްގައި 35 ނުވަތަ 40 ކުރުނބާ އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން 5،000 ރުއް ރާއްޖެއަށް ގެނެސް އޭގެ ތެރެއިން 500 ވަރަކަށް ރުއް ފިޔަވައި އެހެން ހުރިހާ ރުއްތަކެއް ރަށްރަށަށް ބަހައި އިންދުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ.

ރާއްޖޭގައި ރުކުގެ އާ ޖީލެއް ބިނާކުރުމަށް ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް ފެށީ މި އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމް ސަރުކާރުން ފަށާފައިވަނީ ރާއްޖޭގެ ރުއްތަކަށް ބަލިތަކެއް ޖެހި ރުކުގެ މަތިވަރު ވަރަށް ބޮޑަށް ދަށްވެ، ކާއްޓާއި ކުރުނބާ ލިބުން ދަތިވާން ފެށުމުންނެވެ.

ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައި ވަނީ ހދ. ވައިކަރަދޫގައެވެ.

comment ކޮމެންޓް