ސަރުކާރުން ރިސޯޓު ހަދަން ނިންމި ދިގުވެލިދޫގައި އެއާޕޯޓް އަޅަން މުއިއްޒު ވަދުުދުވެވަޑައިގެންފި

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ށ. ކޮމަންޑޫގައި -- ފޮޓޯ/ އެލީޒް

ށ. ކޮމަންޑޫ ކައިރީ ގުޅިފައި އޮންނަ ތިން ރަށް ކަމަށްވާ ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް (ދިގުވެލިދޫ)ގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ކޮމަންޑުއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މި ސަރަހައްދުގައި އެއާޕޯޓެއް އޮތުމަކީ ޖިއޯގްރަފިކަލީ ރަށްތައް ބެހިފައިވާ ގޮތަށް ބެލިކަމުގައި ވިޔަސް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ އެ [ދިގުވެލިދޫ] އެއާޕޯޓުގެ މަޝްރޫއު އަދި އެޔާ އެކީ ޓޫރިޒަމް ގެނައުމުގެ ޕްލޭނަކާ އެކީ އެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނެކަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަތިކޮމަންޑޫ ހިއްކައި ކޮމަންޑުއާ ގުޅައިލުމުގެ މަޝްރޫއު ހިނގަނީ ވަރަށް ލަހުންކަން ފާހަގަކުރައްވާ މުއިއްޒު އެ ކަމަށް ފާޑުވިދާޅުވިއެވެ

"ރައްޔިތުން ބޭނުންވާ ސްޕީޑެއް ނޫން މިއީ. ރައްޔިތުން ބޭނުންވަނީި ވަރަށް ބާރު ސްޕީޑުގައި ތަރައްގީ އަންނަން،" މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނަށް ށ. ކޮމަންޑޫގައި -- ފޮޓޯ/ އެލީޒް

އޭނާގެ ވެރިކަމެއްގައި އެ ކަން އެ ގޮތަށް ނުވާނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަވަސްވެގަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންގޮސްދޭން ސަމާލުކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ މަޝްރޫގެ ސަބަބުން ސިއްހީ ޚިދުމަތް ފުޅާކުރުމަށާއި ޒުވާނުންނަށާއި ތައުލީމީ ނިޒާމަށް ވެސް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން ރައްޔިތުން ފުރުސަތު ދީފިނަމަ،" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއަށް ދިގުވެލިދޫ، ކުއްލިއަކަށް އިތުރު ކުރީ އޭރު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނު ދުވަސްވަރެވެ. އެ ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި އެ ރަށްފަތީގައި އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މި އަހަރުގެ ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ ކޮމަންޑޫ ކައިރި، ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް