ސަންދާނު އަހައްމައިދީ އަވަހާރަވެއްޖެ

ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ ބަދަލަށް މަސައްކަތް ކުރެއްވި އަޙްމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) --

ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ ބަދަލަށް މަސައްކަތް ކުރެއްވި އަޙްމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) އަވަހާރަވެއްޖެއެވެ.

ދެހާހުގެ ކުރީކޮޅު އިންޓަރނެޓް މެދުވެރިކޮށް ނެރުނު "ސަންދާނު" މަޖައްލާގެ މޭސްތިރިއެއްގެ ގޮތުގައި އަހައްމައިދީ މަސައްކަތް ކުރެއްވިއެވެ. ދައުލަތާ ދެކޮޅަށް މަސައްކަތްކުރިކަމުގެ ކުށުގައި 2002 ވަނަ އަހަރު އަހައްމައިދީ 15 އަހަރަށް ޖަލަށްލިއެވެ. އަދި 2006 ވަނަ އަހަރު ރައީސް މައުމޫން މައާފްދުއްވާ މިނިވަން ކުރެއްވިއެވެ.

އަހައްމައިދީ އަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދައުރުގައި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަޤާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އެ މަޤާމުން އޭނާ އިސްތިޢުފާ ދެއްވީ މަދަނީ ޖަމިއްޔާ ޑިމޮކްރަސީ ލެބް އުފައްދަވައި، އެ މަސައްކަތް ކުރެއްވުމަށެވެ.

ސިޔާސީ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން އަހައްމައިދީ ހުންނެވީ ޤައުމީ ޕާޓީގައެވެ. އޭގެ ފަހުން ޤައުމީ އިއްތިހާދު ޕާޓީއަށް ވެސް ސޮއި ކުރެއްވިއެވެ. އަހައްމައިދީ އަކީ ރައީސް މައުމޫންގެ ދައުރުގައި ޖަލުގައި އަނިޔާ ލިބުނު ބޭފުޅެކެވެ. ރައީސް މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް ހިންގުނު ސިލްސިލާ ހަރަކާތްތަކުގައި އަހައްމައިދީ ވަނީ ދުނިޔޭގެ ސަމާލުކަން ވެސް ހޯއްދަވާފައެވެ. އެގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ އަހައްމައިދީ އަކީ "ޒަމީރުގެ ގައިދީ" އެއްކަމަށް ބަލައިގެންފައެވެ.

ސަންދާނު އަހައްމައިދީ، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދައުރުގައި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރުގެ ގޮތުގައި މަސައްކަތް ކުރެއްވި --

އަހައްމައިދީ ސިޔާސީ ހަރަކާތްތަކުން ދުރުވެވަޑައިގަތީ، ޤައުމު އިސްލާހުކުރެވޭނީ މަދަނީ ޖަމިއްޔާތަކާ މަދަނީ ހަރަކާތްތަކުން ކަމަށް ވިދާޅުވުމަށްފަހުއެވެ. އެގޮތުން ޤާނޫނީ ވަކީލު ޢަބްދުﷲ ސަޢީދާއެކު 2013 ވަނަ އަހަރު އުފެއްދެވި ޑިމޮކްރަސީ ކްލަބް އުފެއްދެވީ ރާއްޖޭގެ ޝަރުޢީ ނިޒާމު ފުރިހަމަކުރުމަށާއި އިންސާނީ ޙައްޤުތަކަށާއި ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކަމަށް އަހައްމައިދީ ވިދާޅުވެފައި ވެއެވެ. އަދި 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ސިޔާސަތު =ތަކާ ދެކޮޅަށް ޤާނޫނުއަސާސީގެ ހިމާޔަތުގައި ދިވެހީން ތެދުވަން ވެއްޖެކަމަށް ވިދާޅުވެ އަޑު އުފުއްލަވާފައި ވެއެވެ. އޭގެ ފަހުން ސިޔާސީ މައިދާނުން އަހައްމައިދީގެ ނަންފުޅު ވަނީ ފަނޑުވެފައެވެ.

ސަންދާނު އަހައްމައިދީ އަވަހާރަވި އިރު ޢުމުރުފުޅަކީ 72 އަހަރެވެ. އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞްރުނަމާދަށްފަހު ހުޅުމާލޭގައެވެ.

comment ކޮމެންޓް