މިނިސްޓަރު ޔުމްނާގެ ތާއީދު ރައީސް ޞާލިހަށް

އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން -- ސަންފޮޓޯ/ ނާއިލް ހުސައިން

އާޓް އެންޑް ކަލްޗާ މިނިސްޓަރު، ޔުމްނާ މައުމޫނު ކުރިއަށް އޮތް އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.

މިއަދު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ތަރައްގީއާ ހަމަޖެހުމަށް ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތްތަކާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިއްމު" އޭނާ ވިދާޅުވިއެވެ.

ޔުމްނާ ރައީސަށް ތާއީދު ކުރަން ނިންމެވިއިރު، ކެބިނެޓުގައި އޭނާ ހިމެނިވަޑައިގަންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. މެންބަރުން ހަަމަވެގެން އުވާލުމަށް ނިންމާފައިވާ އެ ޕާޓީގެ ރައީސް އަދި ޔުމްނާގެ ބޭބޭފުޅު ފާރިސް މައުމޫން ވަނީ ރިޔާސީ އިންތިޚާބަށް އަމިއްލަގޮތުން ނުކުންނަވާފައެވެ.

ޔުމްނާގެ ކޮއްކޯފުޅު ގައްސާން މައުމޫން ހުންނެވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގައެވެ. އަދި އެއްމާބަނޑު ދުންޔާ މައުމޫން ހުންނެވީ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފަހަތުގައެވެ.

އެބޭފުޅުންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ފާރިސްއަށް ތާއީދު ކުރައްވާކަން އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް