ފުލުހުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފިލައިގެން އުޅޭ އަންހެނަކު ހޯދަން ފަށައިފިއެވެ.
ފޮޓޯއާއެކު ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ތުހުމަތުގައި ހޯދަނީ ގ. ސައުތުބްރީޒް، މަރިޔަމް ރިޔާސާ، 40އެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ކަމަށެވެ.
ރިޔާސާ އަކީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ހޯދަމުންދާ މީހެކެވެ.
ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ އޭނާ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ 11:30އަށް، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް ވެސް ފުލުހުން ވަނީ އޭނާއަށް އާންމުކޮށް އަންގާފައެވެ.