ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ތަރައްގީ ކުރަނީ

ޓޫރިސްޓް ބީޗް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު-- ސަން ފޮޓޯ/މުހައްމަދު ޝާނިއު

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީއާއި އާބަންކޯ އާ ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އާބަންކޯ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާއެެވެ.

އެއަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ މިހާރު ވެސް ތަރައްގީ ކުރަމުން އަންނަނީ ދިވެހިންނާ ފަތުރުވެރިންނާ ދެމެދު އަރާރުން ވުމެއް އުފެދިގެން ނުދާނޭ ގޮތައް ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ އެތަން ފަރުމާ ކުރުމުގައި ވެސް މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި، އާބަންކޯގެ ޓީމުން ބައިވެރިވެފައިވާ ކަމަށެވެ.

އާބަންކޯގެ އެމްޑީއާ އާތިފް ވިދާޅުވީ މި ބީޗަކީ ގިނަ ބައެއްގެ ޝަކުވާއަށް ހައްލެއް ގެނައުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

"ޓޫރިޒަމް ސެކްޓާގަ ހާއްސަ ކޮށް ހުޅުމާލޭގަ ހުންނަ ގެސްޓް ހައުސް ތަކާއި ސަފާރީ ބޯޓު ތަކުގެ ބޭފުޅުނަށް ވެސް ވަރަށް ބޮޑު ޝަކުވާއެއް އެއީ ޑެޑިކޭޓެޑް ވަކި ސަރަހައްދެެއް ޚާއްސަކޮށް އޮތުން. އެހެންވީމަ، އެ ކަންކަމަށް ރިއާޔަތް ކޮށް އަޅުގަނޑުމެން މިނިސްޓްރީއާއި ސްޓޭކް ހޯލްޑާސްއާ އެކީގަ، ހިންގި ޑިސްކަޝަންތަކާއެކީގަ މިހާރު ސައިޓް ކްލިއާކޮށް، މަސައްކަތް ކުރެވެމުން އެބަދޭ" އާތިފް ވިދާޅުވިއެވެ.

ޓޫރިސްޓް ބީޗް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު-- ސަން ފޮޓޯ/މުހައްމަދު ޝާނިއު

އެ އަތިރިމަތި ތަރައްގީ ކުރަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ތީމް ޕާކާއި އެމްޓީސީސީގެ ބަސް ސްޓޮޕްގެ ފުރަގަހުގައެވެ. އެތަނުގައި ބީޗު ހަދަނީ، އެ ސަރަހައްދަކީ އާންމު ރައްޔިތުނާ ތަންކޮޅެއް ދުރު، ދެބައިމީހުންނަށް ވެސް އެއްވެސް އުނދަގުލެއް ނުވާނޭ ސަރަހައްދަކަށް ވުމުން ކަމަށް އާބަންކޯއިން ބުނެއެވެ.

އެ ތަން ނިމޭއިރު، ބީޗެއްގައި ފަތުރުވެރިން ބޭނުންވާނެ އޯޕެން ޝަވާ، ޓޮއިލެޓް ބްލޮކްސް ފަދަ އެތައް ޚިދުމަތް ތަކެއް ލިބެން ހުންނާނެއެވެ. އާބަންކޯއިން ބުނީ އެ ޚިދުމަތްތައް ހިމަނަނީ އަތިރިމަތީ ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ގެސްޓުންނަށް ހޯދައިދިނުމަށް ކަމަށެވެ.

މީގެ އިތުރުން، އާތިފް ވިދާޅުވީ އެ ބީޗް އޮޕަރޭޓް ކުރާނީ އެތަނުގައި ހުންނަ ކޮމާޝިއަލް ކިއޯސްކްތައް އޮޕަރޭޓް ކުރާ ފަރާތްތަކުން، ސާފުކޮށް ބެލެހެއްޓުން ފަދަ ކަންކަން ކުރާ ގޮތަށް ކަމަށެވެ

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ގިނަ ދުވަހު މަޑުކުރާ ފަތުރުވެރިން ގެނައުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސޯދަށް ވެސް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް