ޓްރަމްޕް ޖަލަށް، ނަމަވެސް ކަފާލަތުގެ ދަށުން ސަލާމަތްވުމުގެ ފުރުސަތު އެބައޮތް

ޓްރަމްޕް

ޖޯޖިއާ (22 އޮގަސްޓް 2023): އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ވޯލްޓަން ސަރަހައްދުގެ ޕްރޮސެކިއުޓަރުގެ އަމުރަކަށް އަންނަ ބުރާސްފަތި ދުވަހު އޭނާ ޖަލަށް ލާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އާ ހަވާލާދީ ސީއެންއެން ބުނިގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ޖަލަށް ގެންދިޔުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ އަމިއްލައަށް ޖަލަށް ވަދެވަޑައިގަތުމަށެވެ. މިކަމަށްޓަކައި ބުރާސްފަތި ދުވަހު ވޯލްޓަން ސަރަހައްދުގެ މައި ޖަލު ބަލަހައްޓާ އިދާރާއަށް ވަޑައިގެން ޓްރަމްޕް އަމިއްލަފުޅަށް ފުލުހުންނާ ހަވާލުވާނެއެވެ.

ޕްރޮސެކިއުޓަރުގެ އަމުރާ އެއްގޮތަށް ޓްރަމްޕް ޖަލަށްލުމާއި ނުލުމާމެެދު ގޮތެއް ނިންމާނީ އެއިދާރާއިންކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ޖަލަށްލުމަށް ވޯލްޓަން ސަރަހައްދުގެ ޕްރޮސެކިއުޓަރު އަމުރުކުރެއްވީ 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ޓްރަމްޕް މަސައްކަތް ކުރެއްވިކަން ތަހުގީގުތަކުން ކަށަވަރުވެގެންނެވެ. މިމައްސަލަ މިހާރުވަނީ ކޯޓަށް ހުށަހަޅައި ދައުވާގެ މަރުހަލާވެސް ފަށާފައެވެ.

ދައުވާގެ މައްސަލަ ހުކުމް ކުރުމާހަމައަށް ނުދިޔަނަމަވެސް އެމައްސަލައާ ގުޅިގެން ވަކި މުއްދަތަކަށް ޓްރަމްޕް ޖަލަށްލުމުގެ އަމުރެއް ޕްރޮސެކިއުޓަރަށް ނެރެވިދާނެއެވެ. ސީއެންއެން ބުނާގޮތުން މައްސަލަ ބަލައި ނިމެނެދެން ޓްރަމްޕް ޖަލަށް ނުލާގޮތަށް ޓްރަމްޕްގެ ދިފާއީ ޓީމުން މިހާރުވަނީ ކޯޓަށް ކަފާލާތުގެ ފައިސާ ދައްކާފައެވެ.

ކަފާލާތުގެ ފައިސާ ދެއްކުމަކީ މައްސަލަ ބަލައި ނިމެންދެން ޖަލަށް ލުމުގެ އަމުރުން ސަލާމަތްވެވަޑައިގަތުމުގެ ފުރުސަތު ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ކަމެކެވެ. ޖަލުން ސަލާމަތްވުމަށް ޓްރަމްޕް ދެއްކި ފައިސާގެ މިންވަރަކީ ދެ ލައްކަ ޑޮލަރު ކަމަށްވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމުގެ ދައުވާ ކުރިޔަށްގެންދާ އެޓްލަންޓާގެ ކޯޓުންވަނީ އަންނަ ހުކުރުދުވަހު އެކޯޓަށް ހާޒިރުވުމުގެ އަމުރެއް ޓްރަމްޕްގެ މައްޗަށް ނެރެފައެވެ.

ޓްރަމްޕްގެ މައްޗަށް ހަތް ތުހުމަތެއް ކުރެވިފައިވާއިރު އޭގެތެރެއިން ތިން ތުހުމަތެއްގެ ދައުވާ ނިޔުޔޯކް، މިޔާމީ އަދި ވޮޝިންޓަންގެ ކޯޓުތަކުގައި މިހާރު ދަނީ ހިނގަމުންނެވެ.

އަނެއްކޮޅުން ޓްރަމްޕާއި އޭނާގެ ދަރިފުޅަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދިން އަންހެނަކު ޝިކާގޯގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޝިކާގޯގެ ޕްރޮސެކިއުޓަރު ވިދާޅުވިގޮތުގައި އޭނާގެ އަމުރަށް ފުލުހުން ހައްޔަރުކުރީ ޓްރިސީ މޭރީ ނަމަކަށްކިޔާ އަންހެނެކެވެ. އޭނާވަނީ ޓްރަމްޕާއި އޭނާގެ ފިރިހެން ދަރިފުޅު ބެރޮން އަވަހާރަކޮށްލާނެކަމުގެ އިންޒާރު އީމެއިލް އަކުން ދީފައެވެ.

comment ކޮމެންޓް