މަޖިލިސް މިހާރު ބަދަލުވަމުން ދަނީ ''ބަތްކައްކާ ކުޅޭ' ތަނަކަށް: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކަންކަން މިހާރު ބަދަލުވަމުން ދަނީ "ބަތްކައްކާ ކުޅޭ ތަނަކަށް" ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދިގު ޗުއްޓީއަކަށް ފަހު، މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއުލާން ކުރެއްވީ އެމަނިކުފާން ނިސްބަތްވާ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީއަށް ސޮއި ކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ޖަލްސާ ވަނީ ނިންމާލާފައެވެ.

އިއްޔެގެ މަޖިލިސް ހޫނުވެ، ނިންމާލިއިރު މިއަދުގެ މަޖިލިސް ވެސް ވަނީ އެއްވެސް މަސައްކަތެއް ނުކޮށް ނިންމާލާފައެވެ.

މިއަދުވެސް މަޖިލީހުގެ ޖަލްސާ ފެށިގެން ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ތަމްސީލްކުރައްވާނެ ގޮތާ ގުޅޭ ގާނޫނަށް ގެނެވޭ ބަދަލާއި ގުޅޭ މައްސަލަ ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ.

މިއަދުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހުސެއިން އަފީފް ވަނީ، އިއްޔެގެ މަޖިލިސް ޖަލްސާގައި ވެސް ނަން އިއްވާފައިވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ނަން ވަނީ އިއްވާފައެވެ.

https://sun.mv/181140

އެއާއެކު މަޑުއްވަރީ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން ކުރިއަށް ދިޔައިރު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނު ކަމަށެވެ. އެހެންނަމަވެސް މިއަދު މަޖިލިސް މިއޮތީ އެއްކޮށް ބަދަލުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސިފައިން ވައްދައިގެން ވިޔަސް މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުމަށް ނިމުމަކަށް ގެންނަން ޖެހޭ، ސަލާމަތީ ގޮތުން ކުރަން ޖެހޭ ކަންކަން ނުކުރާ ކަމަށް ވާނަމަ މިތަން މިހާރު ބަތްކައްކާ ކުޅޭ ތަނަކަށް މި ވަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މިހާރު މަޖިލިސް ކުރިއަށްދާއިރު މަޖިލީހުގައި އެއްވެސް ބިނާކުރުވަނިވި އަދި އުފެއްދުންތެރި ކަމެއް ނުކުރެވޭ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މި އަހަރުގެ ދެވަނަ ދައުރާއި ހަމައިން ފެށިގެން ކޮމިޓީތަކުގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވޭ ކަމަށެވެ. އަދި މިއީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި މިއަދު ރައްޔިތުންނަށް ފެނިގެންދާ މަންޒަރަކީ މަޖިލީހުގެ ތެރޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކުރެވި، އެހެނިހެން ނޭންގާނީ އަމަލުތައް ކުރެވޭ މަންޒަރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މީގެ ކުރިން މަޖިލީހަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ޝައުގުވެރިކަމާއިއެކު ބަލަމުން އަންނަ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް މިހާރު ބަލާ މީހުން ވެސް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު މި މަޖިލީހުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިއްޖެ. އެކަމުގެ ޒިންމާ މަޖިލީހުގައި ތިބި ބައެއް މެމްބަރުން ނަންގަވަންޖެހޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގިނަ މެމްބަރުންތަކެއް ވަނީ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް