ހޭންޑްބޯލް: އެންމެ ހަލުވި ސްޕީޑުގައި ކުރިއެރި އެއް ކުޅިވަރު، އައިއޯއައިޖީއަށް ތައްޔާރު

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯލް ޓީމު --

ރާއްޖޭގައި އެންމެ ފަހުން ވުޖޫދުވި އެސޯސިއޭޝަންތަކުގެ ތެރެއިން އެއް އެސޯސިއޭޝަނަކީ ހޭންޑްބޯލް މޯލްޑިވްސްއެވެ. އެކަމަކު، 2014 ވަނަ އަހަރު އެސޯސިއޭޝަނެއްގެ ސިފައިގައި ހިނގައިގަނެ، މި ވީ މުއްދަތަށް ބަލާއިރު ހޭންޑްބޯޅަ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ފާހަގަކުރައްވާ ގޮތުގައި މި ވަގުތު އޮތް ލީޑަޝިޕްގެ އަމާޒަކީ ލިބިފައިވާ ތަޖުރިބާތަކުގެ މަތީގައި ފިޔަވަޅު ސާބިތުކޮށް ކުރިއަށް އަމާޒުހިފުމެވެ.

އެގޮތުން، އެންމެ ބޮޑު ކަމެއްގެ ގޮތުގައި މި މަހު، 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން އަދި ފިިރިހެން ޓީމު ތައްޔާރުކުރުމުގައި ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ މަސައްކަތަކެއް ކޮށްފައެވެ. އެގޮތުން، ޒުވާން ގައުމީ ޓިމުތަކުން ފާހަގަކުރެވުނު ކުޅުންތެރިން ސިނިއާ ޓީމާ ހަމައަށް ގެނެސް، ފުރިހަމަ ޓީމެއް އެކުލަވާލުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައެވެ.

ހޭންޑްބޯޅައަށް އައުޓްޑޯ ރަނގަޅު ފެންވަރުގެ ކޯޓެއް ލިބިފައި އޮތުމަކީ ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އަޅައިކިޔާ އިރު، ހޭންްޑްބޯޅައަށް އޮތް ފަސޭހައެކެވެ. އަނެއް ކޮޅުން ބަލާ އިރު، ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްދާ އިރު، މި ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމުކުރާ ޕްލޭނުގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭ އެއް ކުޅިވަރެއްގެ ގޮތުގައި އޮތީ ހޭންްޑްބޯޅައެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމު --

ރާއްޖޭގެ އެކި ރަށްރަށުން ހޭންޑްބޯޅައަށް އަމާޒުކޮށް ކުރާ މަސައްކަތާއި ހޭންޑްބޯޅަ ކުޅެން ވަސީލަތް ގާއިމުކުރަން ޑިމާންޑް އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވިދާޅުވެފައެވެ.

މި ވަގުތަށް ބަލާ އިރު، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅައެވެ. އެގޮތުން ބަލާ އިރު، ހޭންޑްބޯލް މޯލްޑިވްސް އިން ރާވައި ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލައިލިޔަސް، މި ފަހުން ރަށްރަށުން އަންނަ ޓީމުތައް އަންނަނީ ގައުމީ ލެވަލްގައި ރަނގަޅު ޗެލެންޖް ދެމުންނެވެ. އިންޓަ ސްކޫލް ލެވަލްގައި ބަލާ އިރު، ރަށްރަށުގެ ޓީމުތަކުން އަންނަނީ ރަނގަޅަށް ތައްޔާރުވެ، ކާމިޔާބު ހޯދަން ބުރަ މަސައްކަތް ކުރުމުގެ އަޒުމުގައެވެ. ހޭންޑްބޯޅަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަކަމުގެ ފައިދާ ގައުމީ ޓީމުތަކަށް ވެސް އެބައޮތެވެ.

އޭގެ އެންމެ ރަނގަޅު ހެއްކަކީ، މި އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމެވެ. ނިސްބަތުން ބަލާ އިރު، ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޭންޑްބޯޅައަށް މި ވަނީ މެޑަލަކާ ހަމައަށް އާދެވިފައެވެ. އެކަމަކު، އެ ހިސާބުން މަޑުޖެހުނީ ނޫން ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އެގޮތުން ދެން މަސައްކަތް ފަށަނީ، އަހަރުތަކަކަށް ދެމިގެންދާ ގޮތަށް އޮތް ޕްލޭނެއްގެ ތެރެއިން ވަރުގަދަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތެވެ. އެގޮތުން، އުމުރުފުރާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތަކެއް ގަވާއިދުން ރާވައި، އޭގެ ތެރެއިން ގައުމީ ޓީމެއް ހެދުމުގެ މަސައްކަތް މިހާރު ހޭންްޑްބޯޅަ އިން މިވަނީ ފަށައިފައެވެ.

މި ހުރިހާ ކަމަކަށް ބަލާ އިރު، ހޭންޑްބޯޅައިގެ އެންމެ ފުރަތަމަ އަމާޒު ހުއްޓިފައި މިވަނީ މި ފަހަރުގެ އައިއޯއައިޖީ އަށެވެ. ގޭމްސް އެއްގައި އެންމެ ފަހުން ހޭންޑްބޯޅަ ޓީމުން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައެވެ. އޭގެ ތިން އަހަރު ފަހުން، މި ފަހަރުގެ އައިއޯއައިޖީއަށް ނުކުންނަ އިރު، ހޭންޑްބޯލް ޓީމު މިހާރު އޮތީ ކުރިއަށްވުރެ މާ ބޮޑަށް ވެސް ތައްޔާރަށެވެ.

comment ކޮމެންޓް