މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިންގެ މުއާމަލާތު ކުރުމުގެ ކުށުގައި ގދ. ތިނަދޫއަށް ނިސްބަތްވާ އެ ރަށުގެ ކުރީގެ ގާޒީ އިބްރާހީމް ރަޝީދު، 46 ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ކުރި އިއުލާނުގައި ވަނީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަަށް އަމުރު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
އިބްރާހީމް ރަޝީދަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން އޭނާ ތިނަދޫގެ ގާޒީކަން ކުރި އިރު ވެސް މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރުކޮށްފައި ވެއެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ 2019ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.