''ދެންމެ'' ނޫހުގައި ބޭއަދަބީ ސުރުހީ ލިޔާ މައްސަލަ ބަލައި، ނޫސް ހިންގާ ބަޔަކު ހޯދަނީ

ޑިސެމްބަރު 22، 2022: މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

އާންމު މިންގަނޑުތަކާ ޚިލާފަށް ލިޔުންތައް އާންމު ކުރާ "ދެންމެ" ނޫސް ހިންގާ ބަޔަކު ހޯދަން މީޑިއާ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ނޫޙުގައި ބޭއަދަބީ ސުރުހީތަކާއި، ޚަބަރުތައް ލިޔާ މައްސަލަ އާންމު ފަރާތްތަކުން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއީ ހޯމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ނޫން ކަމުގައި ވިޔަސް، އެ ނޫހުގެ މައްސަލަ އަމިއްލަ އިސްނެގުމުގެ މަތިން ބަލަމުން އަންނަކަމަށް އެމްއެމްސީން ބުނެއެވެ.

"އެހެންނަމަވެސް "ދެންމެ" ނޫހަކ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރ ކޮށްފައިވާ ނޫހަކަށް ނުވާތީ އެ ނޫސް ހިންގާ ފަރާތެއް އަދި މަސްއޫލުވެރި ފަރާތެއް ދެނެގަތުމާއި ޖަވާބުދާރީ ކުރުވުމުގައި ބައެއް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ." މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ވަނީ އެ ނޫހުން އާންމު މިންގަނޑުތަކާ ޚިލާފަށް އާންމުކުރާ ޚަބަރުތަކާ ހެޑްލައިންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް، ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީޑިއާ ކައުންސިލުން ބުނީ އަބަދުވެސް ބަލަނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިނުކޮށް މައްސަލަތައް ބެލުމަށް ކަމަށެވެ. ނަމަވެސް، ތަކުރާރުކޮށް، އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާނަމަ، ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް