ޒުވާނުންގެ މެދުގައި ގްރީން ސްކިލްސް އަށަގެންނެވުމަށް މަޝްވަރާކޮށްފި

އެޑްވޮކަސީ އެންޑް ޔޫތު ފޯރަމް / ފޮޓޯ: ބްރިޖިން ދަ ކޮމިއުނިޓީސް

ޒުވާނުންގެ މެދުގައި ފެހި ހުނަރު ނުވަތަ ގްރީން ސްކިލްސް އަށަގެންނެވުމާ ގުޅޭގޮތުން "އެޑްވޮކަސީ އެންޑް ޔޫތު ފޯރަމް"ގައި މަޝްވަރާކޮށްފިއެވެ.

ފެހި ހުނަރަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓަށް ހޭލުންތެރި އިގްތިސާދާއި މުޖުތަމައެއް ހަރަކާތްތެރިކަމާއެކު ތަރައްގީކޮށް ދެމެހެއްޓުމަށް ބޭނުންވާ އިލްމާއި، ގާބިލުކަމެވެ.

ނޭޝަނަލް ލައިބްރަރީއާއި ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފޯރަމަކީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ފޯރަމްގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޒުވާނުންނަށް ފެހި ހުނަރުތައް: ދެމެހެއްޓެނިވި ދުނިޔެއަކާ ދިމާލަށް" މިއެވެ.

އެޑްވޮކަސީ އެންޑް ޔޫތު ފޯރަމް / ފޮޓޯ: ބްރިޖިން ދަ ކޮމިއުނިޓީސް

މި ފޯރަމްގައި ނޭޝަނަލް ލައިބްރަރީއާއި ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސްޓެލްކޯ އަދި މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ފިނެކް އިންސްޓިޓިއުޓް ފޯޑެވަލޮޕްމަންޓް ސްޓަޑީސް، ވެލްނަސް ފޯ ވިމެން އަދި ޒުވާނުން ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގެންނެވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ފެހި ހުނަރާ މެދު ޒުވާނުން އަހުލުކުރުވުމުގައި ހުރި ގޮންޖެހުންތަކާއި، ފެހި ހުނަރުގެ ސަބަބުން މުޖުތަމައަށް އަންނާނެ ހެޔޮ ބަދަލުތައް ދެނެގަތުން ހިމެނެއެވެ.

މީގެ އިތުރުން، މާލެ ސިޓީއާއި އަތޮޅުތެރޭގައި ޒުވާނުން ބާރުވެރިކުރުވައި، "ޗޭންޖް އޭޖެންޓުން"ގެ ގޮތުގައި ޒުވާނުން ތަމްރީނުކުރުމާ ގުޅޭގޮތުން ވެސް މި ފޯރަމްގައި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކޮށްފައިވެއެވެ.

comment ކޮމެންޓް